އެމެރިކާގެ ސިފައިންގެ ސުކޫލުތަކުގައި ހަރުކަށި ސޮލީބީ ތައުލީމު ދީ ސިކުނޑި ދޮވެލަނީ

އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ހިންގާ ސުކޫލުތަކުގައި ކިޔަވަމުންދާ އަސްކަރީ އާއިލާތަކުގެ ދަރިވަރުންނަށް ހުޅަނގުގެ ތަހުޒީބާއި ނަސްރާނީ ދީނުގެ ހަރުކަށި ތައުލީމަށް އިސްކަންދޭ އާ މާއްދާއެއް ކުރިއަށް ފެށޭ ދިރާސީ އަހަރުން ފެށިގެން ތައާރަފުކުރުމަށް ތައްޔާރުވެއްޖެއެވެ.

މިއީ އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު، ތައުލީމީ ނިޒާމު ޤައުމީ ލޯތްބާއި ނަސްރާނީތައުލީމާއި ޤަދީމީ ނަސްރާނީ އަސާސްތަކާ ގުޅުވުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

އެމެރިކާ މީޑިއާއިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، "ޑިޕާޓްމަންޓް އޮފް ޑިފެންސް އެޑިއުކޭޝަން އެކްޓިވިޓީ" (ޑޯޑިއާ) ގެ ދަށުން ދުނިޔޭގެ 11 ޤައުމެއްގައި ހިންގާ 160 އަށްވުރެ ގިނަ ސުކޫލުގައި 70,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ. އާންމު ސަރުކާރު ސުކޫލުތަކާ ޚިލާފަށް، މިއީ އެމެރިކާގެ މަރުކަޒީ ސަރުކާރުން ސީދާ ކޮންޓްރޯލްކޮށް ހިންގާ ސުކޫލުތަކެކެވެ.

އަލަށް ތައާރަފް ކުރާ ހަރުކަށި ނަސްރާނީ މަންހަޖުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއް ފޮތަކީ ހަރުކަށި ނަސާރާއިންގެ ވިސްނުމަށް ހިތްވަރުދޭ "ދަ ގޯލްޑަން ތްރެޑް: އަ ހިސްޓްރީ އޮފް ދަ ވެސްޓަރން ޓްރެޑިޝަން" ފޮތެވެ. މި ފޮތުގެ ފިލާވަޅުތައް ތައްޔާރުކޮށްފައިވަނީ މިޗިގަންގެ ކްރިސްޓިއަން ކޮލެޖެއް ކަމަށްވާ ހިލްސްޑޭލް ކޮލެޖާ ގުޅިގެންނެވެ.

ތާރީޚީ މައުލޫމާތާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް

މި ފޮތުގެ ބައިތައް ދިރާސާކުރެއްވި ތާރީޚު އިލްމުވެރިންނާއި ތައުލީމީ މާހިރުން ވަނީ މި ފޮތުގައި ސޮލީބީ ހަނގުރާމަތަކަށް ބާރުއަޅާފައިވާ ކަމަށާއި ހުދު މީހުންނަށް މޮޅުވާ ގޮތަށް ތާރީޚީ ހަގީގަތްތައް އޮޅުވާލާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހުޅަނގުގެ ތަހުޒީބާއި ނަސްރާނީ ދީނަކީ އެކައްޗެއްގެ ގޮތުގައި ސިފަކޮށްފައިވުމުގެ އިތުރުން، އިސްލާމްދީނަކީ ނަސްރާނީ ދީނާިއ ހުޅަނގުގެ ތަހުޒީބުގެ ދުޝްމަނެއް ކަމަށާއި އަދި އެއީ ހުރައްކަލެއް ކަމަށް ލިޔެފައިވާ ކަން މާހިރުން ފާހަގަކުރެއެވެ.

ޔޭލް ޔުނިވަރސިޓީގެ ހިސްޓޮރިކަލް ސޯޝިއޮލޮޖީ ޕްރޮފެސަރ ފިލް ގޯސްކީ ވިދާޅުވީ، ހުޅަނގުގެ ތަހުޒީބުގެ ނަމުގައި ނަސްރާނީ ދީނީ ތައުލީމު ސުކޫލުތަކަށް ވެއްދުމަށް މަސައްކަތްކުރުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ސޮލީބީ ވިސްނުމަށް ބާރުއަޅާ ސިޔާސީ ފަރާތްތަކުން ހަރުކަށި ނަސްރާނީ ތައުލީމަށް ތާއީދުކުރަނީ، އެމެރިކާގެ ތާރީޚުގައި ހިންގާފައިވާ ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާތަކާއި ޖެނޮސައިޑްގެ ވާހަކަތައް ދައްކާތީ އެކަން އުނގަންނައިދިނުމާ ދެކޮޅަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

އެމެރިކާގެ ދިފާއީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް، ކުރީގެ ފޮކްސް ނިއުސްގައި ޚަބަރު ކިޔަން އުޅުނު ޕީޓް ހެގްސެތު އަކީ ސޮލީބީ ވިސްނުމާއި ފިކުރު ފެތުރުމަށް ކުރިންވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭނާގެ މުލައްދަނޑީގައި ފަޚުރުވެރިކަމާއެކު އަރަބިން ކާފަރު މިހެން ލިޔެފައި އޮވެއެވެ.

ހެގްސެތު، 2022 ގައި ލިޔުނު ފޮތެއްގައި އިސްލާމް ދީނާ މެދު ހުތުރު ވާހަކަތަކެއް ދައްކާފައި ވެއެވެ.

މަންހަޖަށް އަންނަމުންދާ ބޮޑެތި ބަދަލުތައް

އަސްކަރީ ސުކޫލުތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސޮލީބީ ތައުލީމަށް ހާއްސަ މުދައްރިސުން އައްޔަންކުރުމުގެ މަސައްކަތް އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ފަށާފައެވެ. މީގެ އިތުރުން، މި އަހަރުގެ މާރިޗު މަހު ޑޯޑިއާގެ ވެރިޔާގެ މަގާމަށް ޕޯލް ކްރާފްޓް ވަނީ އައްޔަންކުރައްވާފައެވެ. ހެގްސެތު ވިދާޅުވި ގޮތުގައި ކްރާފްޓަކީ ސުކޫލު ނިޒާމު ދީނީ އުސޫލުތަކަށް ބަދަލުކުރުމަށް އެންމެ އެކަށީގެންވާ މީހާ ކަމަށެވެ.

ޓްރަންޕް ސަރުކާރުން އަސްކަރީ ތައުލީމީ ނިޒާމު ސޮލީބީ ސިޔާސީ ފިކުރާ އެއްގޮތަށް ބަދަލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އަސްކަރީ އެކެޑެމީތަކަށް ވަނުމަށް ހަދާ އިމްތިހާނުތަކުގެ ތެރޭގައި "ކްލެސިކަލް ލާނިންގ ޓެސްޓް" (ސީއެލްޓީ) ގެ ނަމުގައި އައު ބައެއް ވަނީ ހިމަނާފައެވެ. މިއީ ނަސްރާނީ އަޅުކަމާއި އިންޖީލުގެ މައުލޫމާތު އެނގޭ މިންވަރު ބެލުމަށް ކުރާ ޓެސްޓެކެވެ.

މީގެ އިތުރުން، ނަސްލީ އަދި މިންތީގެ ހަމަހަމަކަމާ ގުޅޭ ސަތޭކައަށް ވުރެމް ގިނަ ފޮތް ސުކޫލުތަކުން މަނާކުރުމާ ގުޅިގެން އެމެރިކަން ސިވިލް ލިބަޓީ ޔޫނިއަން ޖަމުއިއްޔާއިން ވަނީ ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

މި ކަންކަމާ ގުޅޭގޮތުން މީޑިއާއިން ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދީ، ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކަރީ އާއިލާތަކުގެ ދަރިވަރުންނަށް އެންމެ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!