maryambatool on Unsplash
maryambatool on Unsplash

ޕްލާސްޓިކް ފަނާކުރާ ފަންގަސްއެއް ހޯދައިފި

ފަރުތަކާއި ފީނާ ސަރަހައްދުތަކުގައި ގިނަވެފައިވާ މައިކްރޯޕްލާސްޓިކާއި އަވިން ރައްކާތެރިވުމަށް އުނގުޅާ ސަންސްކްރީންގެ ސަބަބުން ތަގައްޔަރު ވަމުންދާ ތިމާވެށި ސާފުކުރުމަށް، ކާށި އުނބު ބޭނުންކޮށްގެން ގުދުރަތީ ގޮތުން އެ ތަކެތި ފަނާކޮށްދޭ ޚާއްސަ ފަންގަސްއެއް އެމެރިކާގެ ހަވާއީގެ ކައިޒަރ ހައިސްކޫލުގެ ދަރިވަރަކު ހޯދައިފިއެވެ.

ޔުނިވަރސިޓީ އޮފް ހަވާއީ އެޓް މާނޯއާގެ ސައިންސްވެރިޔާ އެންތަނީ އެމެންޑްގެ ލެބޯޓްރީގައި، އުމުރުން 17 އަހަރުގެ ވޭރާ ވަންގް، ކުރިއަށްގެންދިޔަ މި ދިރާސާއަކީ ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

މީގެ ދެ އަހަރު ކުރިން، އުމުރުން 15 އަހަރުގައި ވަންގް ވަނީ ޕޮލިނޭޝިއާގެ ސަގާފީ ވިއުންތަކުން އިލްހާމް ލިބިގެން ކާށި އުނބު ބޭނުންކޮށްގެން ކަނޑުގެ ފެން ފުރާނާ ފިލްޓަރުގެ ނިޒާމެއް އުފައްދާފައެވެ. އެ ފިލްޓަރުން ފެނުގައި ހުންނަ ކުދި ޕްލާސްޓިކް އެތިކޮޅުތަކާއި ސަންސްކްރީންގެ ކެމިކަލްތައް ދަމައިގަތް ނަމަވެސް، އެ ތަކެތި ނައްތާލާނެ ގޮތަކާމެދު އުފެދުނު ސުވާލު އޭނާ ގެންގޮސްދިނީ އިތުރު ހޯދުމަކަށެވެ.

އޭނާ ކުރިއަށް ގެންދިޔަ ދިރާސާއިން ދެއްކި ގޮތުގައި ކާށި އުނބުގެ ތެރޭގައި ގުދުރަތީ ގޮތުން އުފެދޭ ފަންގަސްގެ ބާވަތްތަކަކީ ޕްލާސްޓިކާއި ސަންސްކްރީންގެ ކެމިކަލްތައް ކާނާގެ ގޮތުގައި ބޭނުންކޮށްގެން އެ ތަކެތި ސާދާ ގުދުރަތީ މާއްދާތަކަށް ބަދަލުކޮށް ބަޔޯޑީގްރޭޑްކޮށް ފަނާކޮށްލުމުގެ ގާބިލުކަން ލިބިގެންވާ ފަންގަސްތަކެކެވެ.

ކާށި އުނބުގައި ހުންނަ ކުދި ލޯވަޅުތަކުގެ ސަބަބުން ވައިގެ އޮކްސިޖަނާއި ފެން ދައުރުވުމަށް މަގުފަހިވެ، މައިކްރޯބްސް ނުވަތަ ކުދި ދިރޭއެއްޗެހި އާލާވުމަށް އެކަށީގެންވާ މާހައުލެއް އުފެދެއެވެ.

"ކާށި އުނބުގައި ހުންނަ 'ޓެނިންސް' ކިޔާ މާއްދާއެއްގެ ސަބަބުން، ޕްލާސްޓިކާއި ކެމިކަލް ފަނާކުރާ ޚާއްސަ ފަންގަސްތައް އާލާވުމަށް އެހީތެރިވެދޭ،" ވަންގްއާއެކު މި ދިރާސާގައި ބައިވެރިވި މެރިން ބަޔޮލޮޖީގެ ގްރެޖުއޭޓް ދަރިވަރު ކޭލީ ކްރިސްޓެންސަން ކިޔައި ދިނެވެ.

އިންސާނުން އުފައްދާ ޕްލާސްޓިކާއި ކެމިކަލްތަކަކީ ގުދުރަތީ މާހައުލުގައި ފަނާވާން އެތައް ސަތޭކަ އަހަރެއް ނަގާ ތަކެއްޗަށްވާއިރު، މި ހޯދުނު ފަންގަސްގެ ސަބަބުން އެ ތަކެތި ނައްތާލުމުގެ އާ ގޮތްތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ވަންގް ކުރި ޖީން ޓެސްޓުތަކުން އެނގުނު ގޮތުގައި، ކާށި އުނބުން ފެނުނު ބައެއް ފަންގަސްގެ ބާވަތްތަކަކީ ދުނިޔޭގެ ސައިންސްގެ ރެކޯޑުތަކުގައިވެސް އަދި ނަންދެވިފައިނުވާ، މުޅިން އާ އޯގަނިޒަމްތަކެކެވެ.

މި އީޖާދާއެކު ވަންގް ވަނީ 2026 ވަނަ އަހަރުގެ ހަވާއީ ސްޓޭޓް ސައިންސް އެންޑް އިންޖިނިއަރިންގ ފެއާގެ މައިކްރޯބަޔޮލޮޖީ ދާއިރާއިން އެއްވަނަ އަދި މުޅި ފެއާއިން ތިންވަނަ ހޯދާފައެވެ.

މީގެ އިތުރުން 'ފްރެންޑްސް އޮފް ހަނައުމާ ބޭ' އާއި 'އެސޯސިއޭޝަން ފޯ ވުމަން ޖިއޯސައިންޓިސްޓްސް' ގެ ޚާއްސަ އެވޯޑުތައް ހާސިލުކޮށް، އިންޓަރނޭޝަނަލް ސައިންސް އެންޑް އިންޖިނިއަރިންގ ފެއާއިން ވަނީ ޖާގަ ހޯދާފައެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކާށި އުނބުން ފެނުނު މި ފަންގަސްތައް ބޭނުންކޮށްގެން ކަނޑުތައް ސާފުކުރުމުގެ ޓެކްނޮލޮޖީ އުފެއްދުމަށް އަދި އިތުރު ހޯދުންތައް ބޭނުންވެއެވެ. ނަމަވެސް، އަމިއްލަ ސަގާފީ ވަސީލަތްތަކާއި ޒަމާނީ ސައިންސް އެއްކޮށްލައިގެން ހަވާއީގެ މި ދަރިވަރު ހޯދި ހޯދުމަކީ، ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކަށް ގުދުރަތުގެ ތެރެއިން ހައްލު ހޯދިދާނެކަމުގެ ހެއްކެކެވެ.

ހިއްސާ ކުރައްވާ!