އެމެރިކާގެ އިންޒާރު: އާޓިފިޝަލް އިންޓެލިޖެންސްގެ ރޭހުގައި "އަހަރެމެން ނުވަތަ ޗައިނާ"

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކުރުމުގެ ވާދަވެރިކަމުގައި، އެމެރިކާ ނުވަތަ ޗައިނާގެ ދެގައުމުން ކޮންމެވެސް އެއް ގައުމެއް އިޚްތިޔާރުކުރުމަށް ދުނިޔޭގެ 35 ގައުމަކަށް އެމެރިކާއިން އަންގަން ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން މި ގައުމުތަކަށް ފޮނުވުމަށް ތައްޔާރުކުރަމުންދާ ލިޔުމެއްގެ މަޢުލޫމާތު ހާމަކުރަމުން، އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ޗައިނާގެ އޭއައި ގެ ތަރައްގީއާއި އިސްނެގުމާ ގުޅޭ ގައުމުތައް، އެމެރިކާ އިސްވެ އުފައްދާފައިވާ އޭއައި އިއްތިހާދުން ބޭރުކުރެވޭނެ ކަމަށެވެ.

މި އިންޒާރު އަމާޒުކުރެވެނީ އެމެރިކާގެ "އޭއައި އޮޕޯޗުނިޓީސް" ބަޔާނުގައި ސޮއިކޮށްފައިވާ އަދި "ޕެކްސް ސިލިކާ" މުއާހަދާގެ ބައިވެރިންނަށެވެ.

މިދިޔަ އަހަރު އެމެރިކާއިން އިފްތިތާހުކުރި "ޕެކްސް ސިލިކާ" އަކީ އޭއައި މޮޑެލްތަކާއި، ސެމީކޮންޑަކްޓަރު އަދި އޭއައި އުފެއްދުމަށް ބޭނުންވާ މުހިންމު މައުދަންތަކުގެ ސަޕްލައި ޗޭން ކަށަވަރުކުރުމަށް އެކުލަވާލި އިއްތިހާދެކެވެ. ނަމަވެސް، މި އިއްތިހާދުގައި ހިމެނޭ ކަޒަކިސްތާން ފަދަ މައުދަންތަކުން މުއްސަނދި ބައެއް ގައުމުތަކުން، ޗައިނާއިން އިސްނަގައިގެން ހިންގާ އޭއައި މަޝްރޫއުތަކުގައިވެސް ބައިވެރިވާން ފެށުމުން އެމެރިކާއިން ވަނީ ދެއަތަށް ކެނޑޭ އުސޫލު ހުއްޓުވައި ވަކި ފަރާތެއް ނެގުމަށް މަޖުބޫރުކުރަން ނިންމާފައެވެ.

އެމެރިކާގެ ނަން ހާމަނުކުރާ އޮފިޝަލަކު  ވިދާޅުވީ، ޗައިނާއިން އޭއައިގެ ދާއިރާއިން ކުރިއަރައި އިގްތިސާދީ އަދި ސައިންސީ ގޮތުން އެމެރިކާ ފަހަތަށް ޖައްސައި ކުރިހޯދުމަށް ކުރާ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ލިބުނަ ނުދިނުމަކީ އެމެރިކާގެ މައިގަނޑު އަމާޒު ކަމަށެވެ. އަދި ޗައިނާގެ އޭއައި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޮތް ގައުމަކަށް، އެމެރިކާގެ އިތުބާރުހުރި ޓެކްނޮލޮޖީ ބައިވެރިއެއްގެ ގޮތުގައި މުއާމަލާތް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ފިޔަވަޅަކީ ދުނިޔޭގެ ޓެކްނޮލޮޖީގެ ސުޕަޕަވަރުގެ މަގާމު ހޯދުމަށް އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގަމުންދާ "ސީދާ ހަނގުރާމަ" އިތުރަށް ވަރުގަދަވެ، ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާ ދެބަޔަށް ކެނޑިގެންދާނެ ކަމެކެވެ. މީގެ ސަބަބުން އޭއައިގައި ކުރިއަރަމުންދާ ގައުމުތަކަށް ސިޔާސީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެއެވެ.

ހިއްސާ ކުރައްވާ!