އީރާނާއެކު ފެށި ހަނގުރާމައަށް އެމެރިކާގެ މަނަވަރުތައް ގަލްފް ސަރަހައްދަށް ބަދަލުކުރަން ޖެހުމާ ގުޅިގެން، ޕެސިފިކް ކަނޑުގެ ހުޅަނގު ސަރަޙައްދުގައި އޮތް އެމެރިކާގެ އެންމެ ފަހު އެއާކްރާފްޓް ކެރިއަރު 'ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން' ވެސް އެ ސަރަޙައްދުން ނެރުމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ނިންމައިފިއެވެ.
މި ނިންމުމާއެކު، އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ ނުފޫޒު ވަގުތީ ގޮތުން ކުޑަވެ، އެ ސަރަޙައްދުގައި ޗައިނާގެ ނުފޫޒު ފުޅާކުރުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެން ހިނގައްޖެއެވެ.
'ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން' މެދުއިރުމައްޗަށް ބަދަލުކުރަނީ 'ޔޫއެސްއެސް އަބްރަހަމް ލިންކަން' އެމެރިކާއަށް ފޮނުވާލާށެވެ. 260 އަށްވުރެ ގިނަ ދުވަސް ވަންދެން ކަނޑުމަތީގައި ލިންކަން މަނަވަރު ހޭދަކުރުމުގެ ސަބަބުން، އޭގައި ތިބި 5،000 އެއްހާ ސިފައިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
އެމެރިކާގެ ދިފާޢީ ސިޔާސަތުގައި އިންޑޯ-ޕެސިފިކް ސަރަޙައްދަކީ އެންމެ އިސްކަންދޭ ސަރަޙައްދު ކަމަށް ބުނި ނަމަވެސް، މެދުއިރުމަތީގެ މަސްރަޙު ގޯސްވުމުގެ ސަބަބުން އެ ސަރަހައްދުގައި އެމެރިކާގެ ބާރު ކުޑަވާ ގޮތް ވަނީ ދިމާވެފައެވެ.
މި ބަދަލާއެކު، ޗައިނާއިން ދަނީ ޖަޕާން، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގެ ކައިރީގައި އަސްކަރީ ތަމްރީނުތައް އިތުރުކޮށް، އެ ސަރަޙައްދުގެ އެންމެ ބާރުގަދަ އަސްކަރީ ދައުލަތަކީ ޗައިނާކަން ހާމަކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ސިފައިން ޕެސިފިކް ސަރަޙައްދުގެ އިއްތިހާދީ ޤައުމުތަކަށް ޔަޤީންކަން ދިނުމުގެ ގޮތުން މަސައްކަތްތަކެއް ކުރި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވޮޝިންގޓަންގެ ސަމާލުކަން އެހެން ދިމާއަކަށް އެނބުރިފައިވާ ކަމަށް މަހައްލިލުން އިއްތިފާޤުވެއެވެ.





