ޔަހޫދީ ޒަޔަނިސްޓުންގެ ޖެނޮސައިޑް ހުއްޓުމެއް ނެތި ކުރިއަށް

ޣައްޒާ ސިޓީގެ ބަނދަރު ސަރަހައްދުގައި ހުރި ކެފޭއަކަށް ޖެނޮސައިޑް ޔަހޫދީ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ކުޑަކުއްޖަކާއެކު ފަލަސްތީނުގެ 6 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާއާ ގުޅިގެން ފަލަސްތީނުގެ އިސްލާމީ ހަމާސްއިން ވަނީ ޖެނޮސައިޑް އިންޖިނޭރު ބެންޖަމިން ނަތަންޔާހޫ ގަސްދުގައި ސުލްހައިގެ ވާހަކަތައް ނާކާމިޔާބުކޮށް، ހަމަލާތައް ހުއްޓާލުމަށް ކުރެވޭ މަސައްކަތްތައް ފުނޑުފުނޑުކޮށްލަން އުޅޭކަމަށް ތުހުމަތުކޮށްފައެވެ. އަދި އެމެރިކާއާއި އަރަބިން މެދުވެރިން އިސްރާއީލު އެއްބަސްވުންތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖުބޫރުކުރުވުމަށް ހަމާސުން ވަނީ ގޮވާލާފައެވެ.

ހަމާސުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާހިރާގައި ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތަކަށްފަހު ދިން މި ހަމަލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްހައިގެ ޕްލޭނާއި ޣައްޒާ ވިއްކާލި ޝަރުމުއްޝޭޚު އެއްބަސްވުމަށް ކުރެވޭ މަސައްކަތްތަކަށް ނަތަންޔާހޫ ގޮންޖެހުމުގެ ގޮތުން ދިން ހަމަލާއެކެވެ. ނަމަވެސް، އިސްރާއީލު ޖެނޮސައިޑް ސިފައިން ބުނެފައިވަނީ މި ހަމަލާއަކީ އެގައުމުގެ ސިފައިންނަށް ހަމަލާދޭން ރާވަމުންދިޔަ ހަމާސްގެ 4 ކޮމާންޑަރުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ޔަހޫދީ ރެޖީމުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,265 ފަލަސްތީނީން ޝަހީދުވެފައިވާއިރު، 2023 ގައި ހަނގުރާމަ ފެށުނު ފަހުން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 73,000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ހަގީގީ އަދަދު އެތައް ލައްކައަށް އަރާނެ ކަމަށް ބެލެވެއެވެ.

މި ހަމަލާއަކީ އެމެރިކާގެ ރައީސް ޗަންދާ ހޮދަން މެދުއިރުމައްޗަށް ފޮނުވާ ދަނބިކޮއެ ޖާރެޑް ކުޝްނަރާއި ސުލްހައިގެ މަޖިލީހުގެ މަންދޫބު ނިކޯލައި މްލަޑެނޯވްއާއެކު ބޭއްވި ބައްދަލުވުމަށްފަހު ނަތަންޔާހޫ ދިން ހަމަލާއެކެވެ.

އިސްރާއީލުގެ ކުރިއަށް އޮތް އިންތިޚާބުގައި ޔަހުދީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫ ދަނީ ކަނާތުފިޔައިގެ ހައްދުފަހަނައެޅި މީހުންގެ ތާއީދު ހޯދުމަށްޓަކައި ޣައްޒާއާއި، ލުބުނާން އަދި ސޫރިޔާގައި އަސްކަރީ ހަރަކާތްތައް އިތުރު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!