ޕާކިސްތާނުގެ އަސްކަރީ ލީޑަރު އަދި ދާޚިލީ ވަޒީރު އީރާންގައި

ޕާކިސްތާނުގެ ސިފައިންގެ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާއި ދާޚިލީ ވަޒީރު މުޙުސިން ނަޤްވީ ތެހެރާނަށް ވަޑައިގެން، އީރާނުގެ ދާޚިލީ ވަޒީރު އިސްކަންދަރު މުއުމިނީ އާ ބައްދަލުކުރައްވައިފިއެވެ. ޕާކިސްތާނުގެ ސިފައިންގެ މީޑިއާ ވިންގް (އައިއެސްޕީއާރު) އިން ހާމަކުރި ގޮތުގައި، މި ޒިޔާރަތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، މެދުއީރުމަތީގެ ނާޒުކު ސަލާމަތީ މަސްރަހު ފިނިކުރުމަށްޓަކައި ޕާކިސްތާނުން އިސްނަގައިގެން ކުރިއަށްދާ ޑިޕްލޮމެޓިކް ހަރަކާތްތަކުގެ މުހިންމު ބައެކެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ މުހިންމު ޑެލިގޭޝަނުން ތެހެރާނަށް ކުރެއްވި މި ޒިޔާރަތަކީ އިސްލާމްއާބާދާއި ތެހެރާނާ ދެމެދު އޮތް ބައިލެޓަރަލް ގުޅުން "އެންމެ ވަރުގަދަ އެއް މަރުހަލާގައި" އޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ. ދެ ގައުމުގެ ދެމެދުގައި ސަރަޙައްދީ ސަލާމަތާއި، ބޯޑަރުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މި ޒިޔާރަތާ ދިމާކޮށް އޮމާންގެ ހާރިޖީ ވަޒީރުވެސް ތެހެރާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، ބަގާއީ ފާހަގަކުރެއްވި ގޮތުގައި ޕާކިސްތާނުގެ ޑެލިގޭޝަންގެ މިއަންނަ ބައްދަލުވުންތަކަކީ އޮމާންގެ ވަޒީރުގެ ޒިޔާރަތާ ސީދާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް، މި ދެ ޒިޔާރަތުގައިވެސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވޭނީ ސަރަޙައްދީ ސަލާމަތީ މައްސަލަތަކަށާއި، ގުޅިގެން ހައްލު ހޯދިދާނެ ދާއިރާތަކަށެވެ.

ހިއްސާ ކުރައްވާ!