ނޯކިއާ ބްރޭންޑުން ހިންގާ އެޗްއެމްޑީ ކުންފުނިން އާދައިގެ ފޯނުތަކަށްވުރެ ބެޓަރީގެ ޤާބިލުކަން ދެގުނަ ބޮޑު "ނޯކިއާ 300 ޗާޖު" ނަމުގައި އާ ފޯނެއް ބާޒާރަށް ތައާރަފުކޮށްފިއެވެ. މި ފޯނަކީ ޚާއްޞަކޮށް ކުއްލި ޙާލަތްތަކުގައި ބެޓަރީ ޕަވަރ ބޭންކެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އާދައިގެ ބައްތި ފޯނެކެވެ.
މި ފޯނުގައި 3,700 ގެ ބެޓަރީއެއް ހިމަނާފައިވާއިރު، ޔޫއެސްބީ-ސީ ޕޯޓެއް މެދުވެރިކޮށް 10 ވޮޓުގެ ބާރުމިނުގައި ފޯނު ޗާޖުކުރެވެއެވެ.
އެޗްއެމްޑީ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފޯނުގެ ބެޓަރީ 40 ދުވަހަށްވުރެ ގިނަ ދުވަހު ސްޓޭންޑްބައި މޯދްގައި ބޭނުން ކުރެވޭއިރު، 37 ގަޑިއިރު ވަންދެން މެދުނުކެނޑި ވާހަކަ ދައްކަން ބޭނުން ކުރެވޭނެއެވެ. ނަމަވެސް މި ފޯނު މަސައްކަތްކުރަނީ ހަމައެކަނި 2ޖީ ނެޓްވޯކްތަކުގެ ދަށުންނެވެ.
އެހެންވެ، ދުނިޔޭގެ ބެއް ބައެއް ޤައުމުތަކުގައި މި ފޯނުގެ ބޭނުން ނުހިފިދާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި ފޯނުގެ ޑިޒައިނަށް ބަލާއިރު، މިއީ ހަރުދަނާ އަދި ވަރުގަދަ ގޮތަކަށް ފަރުމާކޮށްފައިވާ އާދައިގެ ފޯނެކެވެ. ފޯނުގައި 2.4 އިންޗީގެ އެލްސީޑީ ޑިސްޕްލޭއެއް ހިމެނެއެވެ. މީގައި 32 ޖީބީއާ ހަމައަށް މެމޮރީ އިތުރުކުރުމަށް މައިކްރޯއެސްޑީ ކާޑު ބޭނުންކުރެވެއެވެ.
ފޯނުގެ މަތީ ބައިގައި ވަރުގަދަ ލައިޓެއް ހިމަނާފައި ވެއެވެ. މިއީ އާދައިގެ ފޯނުތަކުގައި ހުންނަ ބައްތިތަކަށްވުރެ މާ އަލިގަދަ ބައްތިއެއް ކަމަށް ކުންފުނިން ފާހަގަކުރެއެވެ. އަދި އާދައިގެ ފެންވަރުގެ ކެމެރާއެއްވެސް މި ފޯނުގައި ހިމަނާފައިވެއެވެ.
މިހާރު ފިލިޕީންސާއި އޭޝިއާގެ ބައެއް ގައުމުތަކުގެ އިތުރުން އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް މި ފޯނު ވިއްކުމަށް ނެރެން ފަށައިފިއެވެ. މިއިން ކޮންމެ ފޯނެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 38 އެމެރިކާ ޑޮލަރަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފޯނު ވިއްކާ ގައުމުތައް އިތުރަށް ފުޅާކުރުމަށް އެޗްއެމްޑީން ވަނީ ރާވާފައެވެ.

