ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ސަޢޫދީ ޢަރަބިއްޔާއާއި، ތުރުކީ، އެމެރިކާ އަދި އީރާނާ އެކު އެކި ފެންވަރުގެ ގުޅުންތައް ބަހައްޓައިގެން ސުލްޙައިގެ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއްޖެއެވެ. ސަރަޙައްދީ ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިން އެންމެންނާއެކު ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ބާއްވަން އުޅުމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކައިން ޕާކިސްތާނަށް ގެއްލުންވާ ގޮތަށް ކަންކަން ކުރަމުންދާ ކަމަށް ޚާރިޖީ އޮބްޒާވަރުންނާއި ތަޙްލީލުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އޯގަސްޓް މަހުގެ ކުރީކޮޅު ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީ ގުޅިގެން މައްކާގައި ސޮއިކުރި ދިފާޢީ އެއްބަސްވުމާއެކު، ޕާކިސްތާނުން ވަނީ ސަޢޫދީގެ ދިފާޢަށް 8,000 އަށްވުރެ ގިނަ ސިފައިންނާއި ޖެޓް ފްލީޓްތައް ހަމަޖައްސާފައެވެ. ނަމަވެސް، މި އެއްބަސްވުމަށް ފަހުވެސް އީރާނުގެ މަދަދުލިބޭ ހޫޘީން ސަޢޫދީގެ ތެޔޮ ވަސީލަތްތަކަށް ދިން ޙަމަލާތަކުގައި ޕާކިސްތާނުން ނިއުކްލިއަރ ނުވަތަ އަސްކަރީ ސީދާ ރައްދެއް ނުދީ މަޑުޖެހިފައި ވެއެވެ. އަދި ޕާކސިްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު އެމެރިކާއިން ދަނީ އީރާނަށް ބޮން އަޅަމުންނެވެ.
މީގެ އިތުރުން، އިޤްތިޞާދީ ބޮޑު ކާރިސާއެއްގައި އޮތް ޕާކިސްތާނުން ސަޢޫދީގެ މާލީ އެހީތެރިކަމަށް ބަރޯސާވާ ހިނދު، އަނެއްކޮޅުން އީރާނާއެކު ދާޚިލީ ވަޒީރު ފެންވަރުގައި ބައްދަލުވުންތައް ބާއްވައި، އެމެރިކާއާއި އީރާނުގެ މެދުގައި ސިއްރު މެސެޖުތައް ބަދަލުކޮށްދޭ މެދުވެރިއަކަށް ވެގެން ޕާކިސްތާނުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މައްސަލައިގައި އީރާނުގެ ރަސްމީ ފަރާތްތަކާއި ޚާރިޖީ މާހިރުން ބުނަނީ، ގަލްފު ޤައުމުތަކާއި އެމެރިކާގެ އަސްކަރީ އިއްތިހާދުތަކުގައި ޕާކިސްތާނުން ބައިވެރިވަމުން، އީރާނާއެކު މިނިވަން މެދުވެރިއެއްގެ ދައުރު އަދާކުރުމުން ނުތަނަވަސްކަންވެސް އުފެދެއެވެ. މީގެ އިތުރުން ޕާކިސްތާންގެ ބަލޫޗިސްތާނުގެ ހައްދުފަހަނައަޅާފައިވާ ގުރޫޕްތަކުގެ މައްސަލައާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ހިނގާ ހަނގުރާމަތަކުގެ ސަބަބުން، އިޤްތިޞާދީ ގޮތުން ބަލިކަށިވެފައިވާ ޕާކިސްތާނަށް ސަރަޙައްދީ މަސްލަޙަތު ނެގެހެއްޓުމުގައި އޮތް އިތުބާރަކީ ވެސް ގޮން ޖެހުން ބޮޑު މައްސަލައެކެވެ. މިކަމުގައި ފާޑު ކިޔާ ފަރާތްތަކުން ދެކެނީ ޕާކިސްތާނުން އަމިއްލަ ބޯޑުގައި ސުލްޙަ ގާއިމް ކުރުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް މެދުވެރިއަކަށް ވެގެން އުޅޭ ކަމެވެ.







