ރާވަލްޕިންޑީގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ޕާކިސްތާނު ސިފައިން ނެރެފި

ޕާކިސްތާނުގެ އަސްކަރީ މައި މަރުކަޒު ގާއިމުވެފައިވާ ރާވަލްޕިންޑީ ސިޓީގެ ސަރަހައްދީ ސެކިއުރިޓީ ހާލަތު އިންތިހާއަށް ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން، "ނާޒުކު ސެކިއުރިޓީ ޒިންމާތަކެއް" އަދާކުރުމަށް އެ ސިޓީގައި ޕާކިސްތާނު ސިފައިންގެ ފައުޖުތައް ހަރަކާތްތެރިވާން ފަށައިފިއެވެ.

ޕަންޖާބު ޕްރޮވިންސްގެ ހޯމް ޑިޕާޓްމަންޓުން އެދިގެން މަރުކަޒީ ސަރުކާރުން ނިންމި މި ނިންމުމުގެ ދަށުން، ޕާކިސްތާނުގެ ގާނޫނުއަސާސީގެ 245 ވަނަ މާއްދާގެ ދަށުން ސިފައިންގެ ތިން ފައުޖަކަށް ވަނީ ރާވަލްޕިންޑީގައި ހަރަކާތްތެރިވުމުގެ ހުއްދަ ދީފައެވެ. ގާނޫނުއަސާސީގެ މި މާއްދާއަކީ މަދަނީ ސަރުކާރާއި އިދާރާތަކަށް އެހީތެރިވުމަށް ސިފައިންގެ ބޭނުންކުރުމަށް ފުރުސަތުދޭ މާއްދާއެކެވެ.

ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންޓީރިއާ އެންޑް ނާކޮޓިކްސް ކޮންޓްރޯލުން ނެރުނު ގަރާރެއްގައި ބުނެފައިވަނީ، މި ފައުޖުތައް ނެރެފައިވަނީ ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށާއި، ކުއްލި ގޮތަކަށް ދިމާވެދާނެ ކޮންމެ ހާލަތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ގާބިލުކަން ސިވިލް އެޑްމިނިސްޓްރޭޝަނަށް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. ސިފައިންނަށް ދީފައިވާ މި ޚާއްސަ ހުއްދައިގެ މުއްދަތަކީ ކުރިއަށް އޮތް 6 މަސްދުވަހެވެ.

މި ނިންމުން ނިންމާފައިވަނީ ރާވަލްޕިންޑީގައި ސެކިއުރިޓީ ބާރުތަކަށް އަމާޒުކޮށް ހަމަލާދިން މީހަކު، ސިފައިން ރައްދުގައި ދިން ހަމަލާތަކެއްގައި މަރުވި ހާދިސާއަށްފަހުއެވެ.

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާ (ޕީޓީވީ) އިން ސެކިއުރިޓީ އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާދިން މީހާއަކީ ޚައިބަރު ޕަޚުތޫންޚުވާ ސަރަހައްދަށް ނިސްބަތްވާ، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ "ޕާކިސްތާން ތަހްރީކޭ އިންސާފު" (ޕީޓީއައި) ޕާޓީގެ ހަރަކާތްތެރި މެންބަރެކެވެ. އަދި އޭނާގެ އަތުން ޕީޓީއައިގެ ދިދައަކާއި، ބަޑިއާއި އުންޑަތައް ފެނިފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!