ޕާކިސްތާނުގެ ޔުނިވަސިޓީއެއްގައި ދަރިވަރުން ކުރި މުޒާހަރާއެއްގެ ތެރެއަށް އަސްކަރީ އޮފިސަރަކު ބަޑިޖަހައިފި

ޕާކިސްތާނުގެ ޕޭޝާވަރުގައި ޔުނިވަސިޓީގެ ދަރިވަރުން ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެ ތެރެއަށް ޕާކިސްތާނު ސިފައިންގެ އިސް އޮފިސަރަކު ވަދެ، ވައިގެ ތެރެއަށް ބަޑިޖެހުމާ ގުޅިގެން ކެމްޕަސް ތެރޭގައި ބޮޑު ނާމާންކަމަކާއި ހަމަނުޖެހުމެއް އުފެދިއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯތަކާއި ކަމާބެހޭ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ކާނަލް ރޭންކުގެ މި އޮފިސަރަކީ އެ ޔުނިވަސިޓީގެ ލެކްޗަރާއެއްގެ ފިރިމީހާއެވެ. އިހުތިޖާޖު ކުރަމުންދިޔަ ދަރިވަރުންނާއި އޭނާއާ ދެމެދު ހިނގި ހޫނު ބަހުގެ ހަމަލާތަކަކަށްފަހު، މައްސަލަ ބޮޑުވެ ކުރިމަތިލުމަކަށް ބަދަލުވީއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަނުޖެހުން ހިނގަމުންދިޔަ ވަގުތު އެ އޮފިސަރު ވަނީ ދަރިވަރުންގެ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގާފައެވެ. މަސްރަހު އިތުރަށް ގޯސްވެގެން ދިޔައީ އޭނާގެ އަތުގައި އޮތް ފިސްތޯލަ ނަގައި، މުޒާހަރާގެ ބައިވެރިންނަށް އަމާޒުކުރުމަށްފަހު ވައިގެ ތެރެއަށް ބަޑިޖެހުމުންނެވެ.

ބަޑީގެ އަޑާއެކު ކެމްޕަސް ތެރޭގައި ތިބި ދަރިވަރުންގެ މެދުގައި ބިރުވެރިކަމެއް އުފެދި، އިތުރު ހަލަބޮލިކަމެއް ވަނީ އުފެދިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާއާ ގުޅިގެން އެ އޮފިސަރު މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ޕާކިސްތާނު ސިފައިން ވަނީ މި މައްސަލަ ހާއްސަ ތަހުގީގެއްގެ ގޮތުގައި ބަލަން ފަށާފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ ޕާކިސްތާނުގެ ސިޔާސީ އަދި އަސްކަރީ މަސްރަހު ނުތަނަވަސްވެ ގައުމުގެ ތަފާތު ސަރަހައްދުތަކުގައި ސަރުކާރާއި ސިފައިންނާ ދެކޮޅަށް އިހުތިޖާޖުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުގެ ސަރަހައްދުތަކާއި ބަލޮޗިސްތާނުގައި ވެސް މުޒާހަރާތަކެއް ދަނީ ހިންގަމުންނެވެ. އާންމު ރައްޔިތުންގެ ކަންކަމުގެ ތެރެއަށް ސިފައިން ނުފޫޒު ފޯރުވާ ކަމަށް ބުނެ އާންމުންގެ ނުރުހުން ވަނީ ބޮޑުވެފައެވެ. ތައުލީމީ މުއައްސަސާއެއްގެ ތެރޭގައި އަސްކަރީ އިސް އޮފިސަރަކު މިފަދަ އަމަލެއް ހިންގުމުން، ޕާކިސްތާނުގެ ސިފައިންނށް އިތުރު ފާޑު ކިޔުމާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ހިއްސާ ކުރައްވާ!