މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއު އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތަކީ އެއްވެސް ހަގީގަތެއް ނެތް މުޅިން ދޮގު ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހުގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ތިލަފުށީ ބަނދަރުގެ މަޝްރޫއު ވަނީ އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ތަފްސީލު ސިއްރުކުރެވިފައިވާތީ، މާލޭ ބަނދަރުން ދެވޭނެ ހިދުމަތްތަކާއި ނުދެވޭނެ ކަންކަން ސާފުނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މި ތުހުމަތުތަކަށް ވަގުތުން ރައްދު ދެއްވައި، މީސްމީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ތިލަފުށީގައި ގާއިމުކުރެވޭ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮންނާނެ ބިނާއެއް ކަމަށެވެ. އަދި އެ ބަނދަރު ވެގެންދާނީ ދިވެހިރާއްޖޭގެ އެންމެ އަގުހުރި އެއް ގައުމީ ހަރުމުދަލަށް ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫއަށް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ވާނެ. މި ބޮޑު ހަގީގަތް ދެކެން ނުކުޅެދި، ރޯ ބުހުތާނު ދޮގު ތިލަފުށީ ބަނދަރާ މެދު ނުފެތުރުމަށް އިލްތިމާސްކުރަން،" ސައީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ރިޔާސީ ދައުރުގެ ތެރޭގައި ފަށައި، އަމަލީ ގޮތުން ނިންމާލުމަށް އަމާޒުހިފާފައިވާ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއަކީ ތިލަފުށީ ބަނދަރުގެ މަޝްރޫއު ކަމަށް އިގްތިސާދީ ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް އޭގެ ނުހަނު ބޮޑު މަންފާއެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ މިފަދަ އުމްރާނީ އަދި އިގްތިސާދީ ބޮޑެތި ކާމިޔާބީތައް ދެކެން ބައެއް ފަރާތްތަކުން ނުކުޅެދެމުންދާ ކަމަށް އިޝާރާތް ކުރައްވައި، ސައީދު ވަނީ ހަގީގަތާ ހިލާފު ބުހުތާނު ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.
މާލޭގެ ތޮއްޖެހިފައިވާ މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެހެންކަމުން، ޒަމާނީ ވަސީލަތްތަކާއެކު މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ، ރާއްޖޭގެ ފްރެއިޓް އަދި ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކޮށް، މުދާ ބޭރުކުރުމާއި އެތެރެކުރުމުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ އެންމެ މުހިންމު ސިޔާސަތެކެވެ.



