40 އިންސައްތަ ޑޮލަރު މާރުކުރުމަކީ ރިސޯޓުތަކަށް އޮތް ދަތިއުނދަގުލެއް ނޫން، މުވައްޒަފުންގެ މުސާރަ ޑޮލަރުން ދެވޭނެ: ރައީސް މުއިއްޒު

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ބޭންކިން ނިޒާމަށް މާރުކުރަން ލާޒިމުކުރާ އާ އުސޫލުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާއި، މުވައްޒަފުންނަށް ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ދިނުމުގެ ފުރިހަމަ ގާބިލުކަން ރިސޯޓުތަކުގައި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތަކެއް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހަކީ ކުއްލިއަކަށް، ވަކި އުސޫލެއް ނެތި ނިންމެވި ނިންމެވުމެއް ނޫން ކަމަށެވެ. މިއީ މާލީ އަދި އިގްތިސާދީ ދާއިރާގެ ފަންނީ ގާބިލު ބޭފުޅުން ވަރަށް ފުޅާދާއިރާއެއްގައި ދިރާސާކޮށް، ހިސާބުކިތާބުތަކުން ކަށަވަރުކުރުމަށްފަހު ނިންމާފައިވާ ގައުމީ ނިންމެވުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަށް އެއްވެސް ދަތިކަމެއް ނުވާނެ. ހިސާބުތަކުން ވަރަށް ސާފުކޮށް އެކަން ފެންނަން އެބިއޮތް. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށާއި، މުވައްޒަފުންގެ މުސާރަތައް ދިނުމަށާއި، އެހެން އެއްވެސް އޮޕަރޭޝަނަލް ކަމަކަށް މި ބަދަލުގެ ސަބަބުން ހުރަހެއް ނޭޅޭނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުކުރުމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މި އުސޫލުގެ ދަށުން މާރުކުރެވޭ ފައިސާ ސީދާ ބޭނުންކުރެވޭނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އިމްޕޯޓުކުރުމަށާއި، ބޭރުގެ މުއާމަލާތްތަކަށް ޓީޓީ ހެދުމުގައި އާންމުންނަށް ދިމާވެފައިވާ ޑޮލަރުގެ ތަދުމަޑުކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އަލިއަޅުވާލައްވަމުން، ރައީސް ވަނީ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ތާއީދުކުރައްވާފައެވެ. އަދި އެއްވެސް ރިސޯޓަކުން މުވައްޒަފުންގެ މުސާރައަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ވަނީ ހަރުކަށިކޮށް ވިދާޅުވެފައެވެ.

"ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ، ގެންނަން ޖެހޭ ސަބަބެއްވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނެ. އަދި އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ ކަހަލަ ގޮތަކަށް ކަމެއް ކޮށްގެންވާނެ ކަމަށް ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

މި އާ ގަވާއިދު ތަންފީޒުކުރުމުގެ މަރުހަލާގައި އެމްއެމްއޭއިން ރިސޯޓު އިންޑަސްޓްރީގެ އިސް ފަރާތްތަކާއެކު ގާތް ގުޅުމެއް ބާއްވައި، މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ، ގައުމީ މަސްލަހަތު އިސްކޮށް، ގާނޫނަށް ތަބާވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ހިއްސާ ކުރައްވާ!