ބޮސްނިއާގެ މުޖުރިމު މްލަޑިޗް ޖަލުގައި މަރުވެއްޖެ

ބޮސްނިއާގެ ހަނގުރާމައިގެ ދުވަސްވަރު މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ދިޔަ ސަރަބިއާގެ ކުރީގެ އަސްކަރީ ކޮމާންޑަރު ރަޓްކޯ މްލަޑިޗް، އުމުރުން 84 އަހަރުގައި ނެދަލޭންޑްސްގެ ހޭގްގައި ހުންނަ އދ. ގެ ޖަލު ހޮސްޕިޓަލުގައި މަރުވެއްޖެއެވެ.

އދ. ގެ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީޓީވައި) މްލަޑިޗްގެ މައްޗަށް 2017 ވަނަ އަހަރު އުމުރު ދުވަހުގެ ހުކުމެއް އިއްވީ ނަސްލެއް ނައްތާލުމުގެ ބޮޑު ރޭވުމެއްގެ ދަށުން ޖަރީމާތައް ހިންގާފައިވާކަން ސާބިތުވުމުންނެވެ. ޝަރީއަތުގެ ނިންމުމުގައިވާ ގޮތުން، މްލަޑިޗް މި ޖަރީމާތައް ހިންގާފައިވަނީ ސަރަބިއާގެ ކުރީގެ ރައީސް ސުލޮބޮދާން މިލޮސެވިޗް އަދި ބޮސްނިއާގެ ސާބް ސިޔާސީ ލީޑަރު ރަޑޮވާން ކަރަދްޒިޗްއާ ގުޅިގެންނެވެ. މި މީހުން ގުޅިގެން ރޭވި އަނިޔާވެރި ރޭވުމުގެ މައިގަނޑު މަގުސަދަކީ ބޮސްނިއާގެ ސަރަހައްދުތަކުން މުސްލިމުންނާއި އެހެން ނަސްލުތަކުގެ މީހުން އެއްކޮށް ނައްތާލައި، އެ ސަރަހައްދުތައް ސާބް މީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައި 2014 ވަނަ އަހަރު ވާހަކަދައްކަވަމުން މްލަޑިޗް ވަނީ ކޯޓުގެ އަމުރުތަކަށް ގޮންޖަހައި، އެއީ ގާނޫނީ ކޯޓެއް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ. އަދި އޭނާގެ މައްޗަށް ހުކުމް އިއްވި ވަގުތު ކޯޓު ރޫމުގައި އަޑުގަދަކޮށް، "މިއީ ދޮގުތަކެއް، ތިޔައީ އެންމެންވެސް ދޮގުހަދާ މީހުން" ކަމަށް ބުނެ ހޭރިފައެވެ.

ސަރަބިއާގެ ސިފާއިން ހިންގި މި އަނިޔާވެރި ހަރަކާތްތަކުގެ އެންމެ ހިތާމަވެރި މަންޒަރު ފެނިގެންދިޔައީ ސްބްރެނިޗާގައެވެ. ސުލްހަ ބަލަހައްޓާ ނެދަލޭންޑްސްގެ ފައުޖުތައް އެ ސަރަހައްދުން ފޭބުމާއެކު، ސަރަބިއާގެ ސިފައިން ވަނީ އެ ސަހަރު ވަށާލައި، ބޮސްނިއާގެ 8,000 އަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން އެއްކޮށް ހައްޔަރުކޮށް، ގަތުލުކުރުމަށްފަހު އެމީހުންގެ ހަށިގަނޑުތައް ބުލްޑޯޒަރު ބޭނުންކޮށްގެން ބޮޑެތި ވަޅުގަނޑުތަކަށް އަޅައި ވަޅުލާފައެވެ.

މްލަޑިޗް މަރުވުމާ ގުޅިގެން، އަނިޔާލިބުނު ފަރާތްތަކުގެ އާއިލާތަކުން ބުނެފައިވަނީ އޭނާ ޖަލުގައި ހުރެ މަރުވުމުން އިންސާފު ގާއިމުކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. ނަމަވެސް ސަރަބިއާގެ ސަރުކާރާއި ބައެއް ސާބް ލީޑަރުން ވަނީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން މިނިވަންނުކުރި މައްސަލައިގައި އދ. ގެ ކޯޓަށް ފާޑުވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!