ބޮސްނިއާގެ ހަނގުރާމައިގައި 1990ގެ އަހަރުތަކުގައި ވެރިރަށް ސަރައޭވޯ ހިސާރަކޮށްފައި އޮތްއިރު، ސަރައޭވޯގެ ލައިބްރަރީގެ މުވައްޒަފުން ދިޔައީ ބޯލްކަންގައި ހުރި އަގުހުރި މެނުސްކްރިޕްޓްތައް ފޮރުވަމުންނެވެ. އެ ފޮތްތައް ފޮރުވުމަށް މޭވާ ފޮށިތަކުގައި ބަންދުކޮށްގެން ގެންގުޅެމުން ދިޔައެވެ.
އެއީ އެތައް ޤަރުނުތަކެއްގެ ޙިކުމަތްތެރިކަން ގެއްލިޔަ ނުދިނުމަށް ބޮސްނިއާގެ މުސްލިމުން ކުރި މަސައްކަތެކެވެ. އެއީ، މެޑިސިންގެ ދާއިރާއިން ޒަމާންވީ ގަދީމީ ފޮތްތަކާއި އިހުގެ ފަލަކީ ޗާޓްތަކާއި، ޅެމާއި، އަދި ފަލްސަފާގެ ފޮތްތަކެވެ.
އެ ފޮތްތައް ނިސްބަތްވަނީ ސަރައޭވޯ ބިނާކުރި މީހާގެ ގޮތުގައި އަބަދަށް ހަނދާން އައު ކުރެވޭ ޣާޒީ ޚުސްރޫ ބޭ އަށެވެ. ޚުސްރޫ ބޭއަކީ، އުސްމާނީ ޚިލާފަތުގައި ބޮސްނިޔާގެ ގަވަރުނަރުގެ ގޮތުގައި އެސަރަހައްދަށް ފޮނުވި ގަވަރު ނަރެވެ. ސަރައޭވޯ ބިނާ ކުރެއްވުމަށްފަހު އޭނާ، 1537 ވަނަ އަހަރު ޣާޒީ ޚުސްރޫވް ބޭ ލައިބްރަރީ ބިނާ ކުރެއްވިއެވެ.

ޣާޒީ ޚުސްރޫ ބޭ ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތީ 1480 ގެ އަހަރުތަކުގައި ސެރެސް (މިޒަމާނުގެ ގްރީސް) ގައެވެ. އޭނާއަކީ އުސްމާނީ ޚަލީފާ ސުލްތާން ބަޔެޒީދު ދެވަނަ ގެ ކާފަދަރިފުޅެވެ.
1521 އާއި 1541 އާ ދެމެދު އެތައް ފަހަރެއްގެ މަތިން ބޮސްނިއާގެ ގަވަރުނަރު ނުވަތަ ސަންޖަކް-ބޭ ގެ މަގާމު އަދާކުރެއްވިއެވެ. ޣާޒީ ޚުސްރޫ ބޭ ފަސްދާނުލާފައި ވަނީ، ސަރައޭވޯގައި އޭނާ ބިނާކުރެއްވި މިސްކިތުގެ ހަރިންމައިގައި، 1541 ވަނަ އަހަރު އެވެ.

ޚުސްރޫ ބޭ ސަރައޭވޯ ބިނާ ކުރެއްވުމަށްފަހު ވަޤުފުތަކެއް ބިނާކުރައްވައި އާންމު ފައިދާއަށް ޚާއްސަ ކުރެއްވިއެވެ. އޭގެ ތެރޭގައި 1537ގައި ބިނާކުރެއްވި ޚުސްރޫ ބޭ ލައިބްރަރިއާއި 1530ގައި ބިނާކުރެއްވި ޣާޒީ ޚުސްރޫވް ބޭ މިސްކިތް ހިމެނެއެވެ. މިއީ އެއިރު ބޮސްނިއާގެ އެންމެ ބޮޑު މިސްކިތެވެ. އަދި 1537ގައި ބިނާ ކުރެއްވި ކުރުޝުމްލިޖާ މަދަރުސާވެސް ވަޤްފް ކުރެއްވިއެވެ. އޭގެ އިތުރުން އޭނާގެ އާބަން ވިޜަންގެ ދަށުން، ބާޒާރާއި، ތުރުކީ ހައްމާމްތަކާއި، ފެން ފޯރުކޮށްދިނުމަށް ސަލްސަބީލުތަކާއި، ފެންއަރުވާޑާންތަކާއި ގަޑި ޓަވަރު ބިނާ ކުރެއްވިއެވެ.
ޣާޒީ ޚުސްރޫ ބޭ ވަނީ މިތަންތަން މަރާމާތުކޮށް ދެމެހެއްޓުމަށްޓަކައި އާމްދަނީ ލިބޭ ގޮތަށް އިތުރު 200 ފިހާރައާއި ބިންތަކާއި ދަނޑުފަޅު ވަޤްފްކޮށް ދެއްވާފައެވެ.
_Photo_by_Islamic_Arts_Magazine.jpg)
ބޮސްނިއާގައި ޚުސްރޫ ބޭ ހިންގެވި އިމާރާތްކުރުމުގެ ޕްރޮގްރާމްގެ ސަބަބުން، ޚުސްރޫ ބޭ ވެވަޑައިގެންފައި ވަނީ ސަރައޭވޯގެ ހަގީގީ ބާނީގެ ގޮތުގައެވެ. އަދި އެ ސިޓީއަށް ޢުސްމާނީ-އިސްލާމީ ސިފަ ދެއްވި މޭސްތިރިއަކީ އެއީ އެވެ.
ސަރައޭވޯގެ މަޝްހޫރު ޚުސްރޫ ބޭ ލައިބްރަރީ ބިނާކޮށްފައި ވަނީ ޢިލްމީ ޚަޒާނާއެއްގެ ގޮތުގައެވެ. އެއީ މަދަރްސާއެއް ބިޏާ ކުރުމަށް ހޭދަކުރެއްވި ފައިސާގެ ބާކީ ފައިސާއިން ބިނާ ކުރެއްވި ލައިބްރަރީއެކެވެ. އަދި އެއަށްފަހު އެ ތަނަށް އެންމެ އަގުހުރި ފޮތްތައް ހޯއްދެވުމަށް ޚުސްރޫ ބޭ ނިންމަވައި އެކަންވެސް ކުރެއްވިއެވެ.

މިއަދު ޚުސްރޫ ބޭ ލައިބްރަރީގެ ކަލެކްޝަންގައި 1 ލައްކައަށް ވުރެން ގިނަ ފޮތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޢަރަބި، ތުރުކީ، ފާރިސީ، އަދި ބޮސްނިއާ ބަހުން ލިޔެފައިވާ ޚާއްސަ ނާދިރު 10،500 މެނުސްކްރިޕްޓް ވެސް ހިމެނެއެވެ.
މިފޮތްތަކުގެ ތެރޭގައި އެހެން ތަނަކުން ނުލިބޭނެ ފަދަ ގަދީމީ ފަލްސަފާއާއި ބޭސްވެރިކަމާއި ފަލަކީ ޢިލްމާއި އިސްލާމީ ޢިލްމުތަކުގެ އަތުން ލިޔެފައިވާ ފޮތްތައް ހިމެނެއެވެ.
މިލައިބްރަރީ ދެމެހެއްޓުމަށް ބޮސްނިޔާ ހަނގުރާމައިގައި ނަސާރާ ސާބުން ސަރައޭވޯ ހިސާރަ ކުރިއިރު، (1992–1996) ގައި މުހިންމު މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ލައިބްރަރީގެ އެންމެ އަގުހުރި 500 ފޮތް ޕްރިވްރެޑްނާ ބެންކުގެ ތިޖޫރީތަކުގައި ރައްކާ ކުރެވުނެވެ. ބައެއް ފޮތްތައް މޭވާ ފޮށިގަނޑުތަކުގައި އެކިތަންތަނަށް ބަދަލުކޮށް ހަދަމުން ދިޔައެވެ.
ސަރައޭވޯއަށް ވަނީ 2014 ވަނަ އަހަރު އައު ލައިބްރަރީއެއް ލިބިފައެވެ. މިލައިބްރަރީއަކީ ކުރީގެ ލައިބްރަރީއަށް ވުރެން ބޮޑު ޒަމާނީ ލައިބްރަރީއެކެވެ. އެއީ ޤަތަރުގެ އަމީރުގެ ހަދިޔާއެކެވެ. މިލައިބްރަރީގައި 5 ލައްކަ އައިޓަމަށް ޖާގަ ލިބެއެވެ.







