ދުނިޔޭގެ އެންމެ ހަގު ރަސްގެފާނުގެ ގޮތުގައި ތަޚުތަށް އިސްވެވަޑައިގެންނެވި ޔުގާންޑާގެ ތޫރޯ ރަސްކަމުގެ ރަސްގެފާނު، އޯޔޯ ންޔިމްބާ ކަބާމްބާ އިގުރޫ ރުކިދީ IV، އުމުރުފުޅުން 34 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.
ތޫރޯ ރަސްކަމުގެ ބޮޑުވަޒީރު ކެލްވިން އާމްސްޓްރޯންގް ރްވޯމީރޭ އަކީކީ އެކްސްގައި ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ރަސްގެފާނު އަވަހާރަވީ ބުރާސްފަތި ދުވަހުގެ ރޭ އެ ގައުމުގެ ގަޑިން ރޭގަނޑު 10:00 ހާއިރު ކަމަށެވެ. ނަމަވެސް އަވަހާރަވި ސީދާ ސަބަބެއް ބޮޑުވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.
ރަސްގެފާނު އަވަހާރަވުމުގެ ކުޑައިރުކޮޅެއް ކުރިން ޔުގާންޑާގެ ރައީސް ޔޮވެރީ މުސެވޭނީގެ ސަރުކާރުގެ ވަޒީރެއް ކަމަށްވާ ބަލާމް ބާރުގަހާރާ ވަނީ، ރަސްގެފާނު އެމެރިކާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދެވިކަން ކަށަވަރުކޮށްދެއްވާފައެވެ.
"މިއީ ފޫނުބެއްދޭވަރުގެ ބޮޑު ދެރައެއް އަދި ހިތާމައެއް،" ބޮޑުވަޒީރު އަކީކީ ވިދާޅުވިއެވެ. ކާވެނިފުޅެއް ބައްލަވައިގެންފައިނުވާ ރަސްގެފާނު އަވަހާރަވީ އިރު، ރަސްކަމުގެ ތަޚުތުގެ ވާރިސަކު ކަނޑައެޅިފައިވާ ކަމަށާއި ރަސްކަމުގެ ސިލްސިލާ މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރަސްގެފާނު އޯޔޯ ންޔިމްބާ ތޫރޯ ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގެންނެވީ 12 ސެޕްޓެމްބަރު 1995 ގައި، ބާޕާފުޅު ރަސްގެފާނު ޕެޓްރިކް ޑޭވިޑް މެތިއު ކަބޮޔޯ އޮލިމީ III އަވަހާރަވުމާ ގުޅިގެންނެވެ. އެއިރު އެނާގެ އުމުރުފުޅަކީ އެންމެ 3 އަހަރެވެ. މިއާއެކު އޭނާ ވެވަޑައިގެންނެވީ އެއިރު ދުނިޔޭގައި ހުންނެވި އެންމެ ހަގު ރަސްގެފާނަށެވެ.
ޔުގާންޑާއަކީ ޖުމްހޫރީ ގައުމެކެވެ. އިންތިޚާބީ ރައީސަކު ގައުމުގެ ވެރިއަކަށް ހުންނެވި ނަމަވެސް، އިސްތިއުމާރުގެ ކުރީގެ ޒަމާނުއްސުރެ އުފެދިފައިވާ ސަގާފީ ރަސްކަންތައް އެ ގައުމުގައި އަދިވެސް ދެމިއޮވެއެވެ. މި ރަސްކަންތަކުގެ ސިޔާސީ ބާރަކީ ރަމްޒީ ބާރެއް ކަމުގައިވީ ނަމަވެސް، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވައެވެ. ތޫރޯ ރަސްކަމަކީ ކޮންގޯގެ ޖުމްހޫރިއްޔާގެ އިމުން އޮންނަ ޔުގާންޑާގެ ހުޅަނގު ސަރަހައްދުގެ ކުޑަ ރަސްކަމެކެވެ.
ރަސްގެފާނު އަވަހާރަވި ޚަބަރާއެކު މުޅި ޔުގާންޑާގެ އިޖުތިމާއީ މީޑިއާގައާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ބޮޑު ހިތާމައެއް ވަނީ ފެތުރިގެން ގޮސްފައެވެ.
މިއަހަރުގެ އެޕްރީލް މަހު ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރު ދެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، "އަޅުގަނޑުމެންގެ ރަސްގެފާނަކީ ރައްޔިތުންގެ ދިރިއުޅުމުގެ ހަގީގަތްތަކާ ދުރުގައި ހުންނެވި ބޭފުޅެއް ނޫން. އެއީ މި ޖީލުގެ، މި އިކޯސިސްޓަމްގެ ބައެއް. ރަސްގެފާނު ގެ ޒުވާންކަމަކީ އުނިކަމެއް ނޫން، އެއީ ބާރެއް،" ކަމަށެވެ.







