1947 ވަނަ އަހަރު އިނގިރޭސީންގެ އަތުން މިނިވަންވި އިރު، އިންޑިއާއަށްވުރެ ޕާކިސްތާނުގެ އިގްތިސާދާއި އަދި ދަނޑުވެރިކަމުގެ އަސާސްތައް ވަރުގަދައެވެ. ނަމަވެސް ދެގައުމު ވަކިވެ މިނިވަންވިތާ 80 އަހަރާ ގާތްވެފައިވާއިރު، އިންޑިއާގެ އިގްތިސާދު 4.15 ޓްރިލިއަން ޑޮލަރަށް އަރައިފައި ވެއެވެ. އަދި އިންޑިއާ ވަނީ ދުނިޔޭގެ ބޮޑު ބާރަކަށް ވެފައެވެ.
ޕާކިސްތާނުގެ އިގްތިސާދު އުޅެނީ 400 ބިލިއަން ޑޮލަރުގައެވެ. އަދި އެ ގައުމުން ދަނީ އައިއެމްއެފްގެ އެހީއަށް ބަރޯސާ ވަމުންނެވެ. މި ކަމާ ގުޅިގެން 'ދަ ފްރައިޑޭ ޓައިމްސް' އިން ގެނަސްދީފައިވާ ތަހުލީލެއްގައި ބުނެފައިވަނީ މިއީ ސަގާފީ ތަފާތެއް ނޫން ކަމަށާއި މިއީ ދެގައުމުން މުއައްސަސާތައް ބިނާކުރި ގޮތުން އައިސްފައިވާ ތަފާތެއް ކަމަށެވެ.
އިންޑިއާއިން މިނިވަންވުމަށްފަހު ސިފައިންގެ މައްޗަށް ސިވިލިއަން ވެރިކަމުގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައި ވެއެވެ. އަދި އިންޑިއާއިން އެ ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކުރިއެވެ. އެއާ ޚިލާފަށް ޕާކިސްތާނުގައި 1958 ގައި ހިންގި ފުރަތަމަ އަސްކަރީ އިންގިލާބާއާއެކު، ސިފައިން ވަނީ ސިޔާސީ، ހާރިޖީ އަދި އިގްތިސާދީ ބާރުތައް އަތުލައިފައެވެ. އަދި އެއަށްފަހު ނިޒާމީ ސިފައެއްގައި މަދަނީންގެ ސަރުކާރުތައް ޕާކިސްތާނގައި ހިންގާފައި ވަނީ ހަމައެކަނި ނަމެއް ގައެވެ. އަދި އެ ގައުމުގެ މިނިވަންކަމުގެ ގިނަ އަހަރުތަކުގައި ވެރިކަން ކޮށްފައި ވަނީ ހައިބްރިޑް ނިޒާމެއްގެ ގޮތުގައެވެ. ސިފަިއންނާއި މަދަނީންގެ ބާރު މައްސުނި ކޮށްގެންނެވެ.
މި ތަފާތުގެ ސަބަބުން އިންޑިއާއަށް ސިޔާސީ ހަމަޖެހުމާއެކު ދުރުރާސްތާގެ އިގްތިސާދީ ރޭވުންތައް ރޭވުމުގެ ފުރުސަތު ލިބިގެން ގޮސްފައި ވެއެވެ. އިންޑިއާއިން އެގައުމުގެ އަމިއްލަ ތައުލީމީ ނޒިާމެއް ގާއިމް ކޮށް އިންޑިއަން އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ ފަދަ މަތީ ތައުލީމީ މުއައްސަސާތައް ބިނާކޮށް، ގްލޯބަލް ޓެކްނޮލޮޖީ ސެކްޓަރު ކާމިޔާބު ހޯދިއެވެ. އަދި ޕާކިސްތާނުގެ ތައުލީމީ ނިޒާމު ސިޔާސީވެގެން ދިޔައެވެ. އަދި ސިފައިންގެ ބަޖެޓަށް އިސްކަންދިނުމުގެ ސަބަބުން އިގްތިސާދު ހީނަރުވިއެވެ.
2025 ވަނަ އަހަރުގެ މެއި މަހު ދެ ގައުމުގެ މެދުގައި ހިނގި އަސްކަރީ ނުހަމަޖެހުމުގައި ވެސް، އިންޑިއާގައި ނިންމުންތައް ނިންމީ އިންތިޚާބީ ސަރުކާރުންނެވެ. ނަމަވެސް ޕާކިސްތާނުގެ ސިޔާސަތުތައް ނިންމީ ސިފައިންގެ އިދާރާއިންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2026 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ ދިފާއީ ބަޖެޓު 92.1 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ޕާކިސްތާނުގެ ދިފާއީ ބަޖެޓު އުޅެނީ 11.9 ބިލިއަން ޑޮލަރު ގައެވެ.
ދަ ފްރައިޑޭ ޓައިމްސްގެ ތަހުލީލު ނިންމާލަމުން ބުނެފައިވަނީ، ގައުމެއްގެ މުސްތަގުބަލު ބައްޓަންކުރަނީ އެ ގައުމެއްގެ ސިޔާސީ އަދި އިދާރީ މުއައްސަސާތަކުން ކަމަށެވެ. އިންޑިއާގެ މިނިވަން ޑިމޮކްރެޓިކް އުސޫލުތަކުން ގައުމު ކުރިއަށްގެންދިޔައިރު، ޕާކިސްތާނުގައި ސިފައިންނާއި ސިވިލިއަން ބާރުތަކުގެ މެދުގައި އޮތް ހަމަނުޖެހުމުން ގައުމުގެ ގާބިލުކަން ވަނީ ހީނަރު ވެގެން ގޮސްފައެވެ.



