ޖަންބިއާއަކުން ހަމަލަ ދޭން އުޅުނު އަންހެނަކު މަރާލައިފި

އެމެރިކާގެ ނިއުޔޯކް ސިޓީގެ މަޝްހޫރު ޓައިމްސް މައިދާނުގައި ދެ ޖަންބިއާ ހިފައިގެން މީހުންނަށް ހަމަލަ ދޭން އުޅުނު އަންހެނަކު ފުލުހުން ބަޑިޖަހައި މަރާލައިފިއެވެ. އެމީހާ ވަނީ ދެ މީހަކަށް ހަމަލަ ދީފައެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި، އަންހެން މީހާގެ ހަމަލާގައި ޒަޚަމްވި އަންހެނަކު ވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައެވެ. އަދި ހަމަލާގައި ޒަޚަމްވި ފިރިހެން މީހާއަށް ނުރައްކާތެރި ޙާލަތެއްގައި ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ގައި ދެ މީހަކަށް ވަޅިން ހަމަލާދިނުމަށްފަހު އެ އަންހެން މީހާ ވަނީ އެތަނާ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒެއްގެ ކައިރިއަށް ފިލަން ގޮސްފައެވެ. ފުލުހުން އޭނާ ހޯދައިގެން އޭނާއާ ކައިރިވާން އުޅުމުން  އޭނާ ވަނީ ފުލުހުންނަށް އިންޒާރުދީ ކުރިމަތިލާފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފުލުހުން ވަނީ އޭނާ ކޮންޓްރޯލްކުރުމަށް ކަރަންޓު ބަޑި ބޭނުންކޮށްފައެވެ. ނަމަވެސް، އޭނާ ވަނީ އެއަށް ބެލުމެއްނެތް ގޮތުގައި ފުލުހުންނާ ދިމާއަށް ކުރިއަށްޖެހެން ފަށާފައެވެ. އަދި ފުލުހުން ވަނީ އޭނާގެ ގަޔަށް ބަޑިޖަހާފައެވެ.

ހަމަލަ ދިން މީހާއަކީ މުސްލިމެއް ނޫން ކަމުން ފުލުހުންގެ އިބްތިދާއީ ތަހުގީގުން ބުނެފައި ބަނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އޮފިޝަލުން ގަބޫލުކުރައްވާ ގޮތުގައި މިއީ ވަކި މަގުސަދެއްނެތި، ކުއްލިއަކަށް މަގުމަތިން ދިޔަ އާންމުންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެކެވެ.

ހިއްސާ ކުރައްވާ!