ނޭޕާލުގައި 4،400 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައި

ނޭޕާލަށް ކުރިމަތިވި ބޮޑު ފެންބޮޑުވުމާއި ބިންގަނޑު ކަށާގެންދިއުމުގެ ޙާދިސާތަކަށްފަހު، ވީނުވީއެއް ނޭނގި ގެއްލިފައިވާ 4,462 މީހުން ހޯދުމުގެ މަސައްކަތް ކަމާބޭހޭ އިދާރާތަކުން ކުރިއަށްދާއިރު، މިހާރު ދިރި ހުއްޓާ މީހަކު ފެނުމަކީ މުޢުޖިޒާތެއްފަދަ ކަމަކަށް ވަނީ ވެފައެވެ. ސިފައިންނާއި ރެސްކިއު ޓީމުތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށާއި، ބިންގަރާސްތަކާއި، ކާރޫބާރޫ ބޮޑު ސަރަޙައްދުތައް ބަލައިފާސްކުރަމުންނެވެ. ނަމަވެސް ވަގުތު ފާއިތުވަމުންދާ ވަރަކަށް، ގެއްލިފައިވާ މީހުންގެ އާއިލާތަކުގެ އުއްމީދުތައް ދަނީ ފަނޑުވަމުންނެވެ.

މި ޙާދިސާގައި އެންމެ ބޮޑަށް ގެއްލުންވި ސަރަޙައްދުތަކުގެ ތެރޭގައި ހައިޑްރޯޕަވަރ ޕްރޮޖެކްޓްތަކުގެ ސަރަހައްދުތައް ހިމެނެއެވެ. އަޕަރ ޓްރިޝޫލީ-3އޭ އަދި ލަންގްޓަންގ ސަރަޙައްދުގެ ހައިޑްރޯ ޕަވަރ ޕްރޮޖެކްޓްތަކުގެ ބިންގަރާސްތަކުގެ ތެރޭގައި ތިބި މަސައްކަތްތެރިން ހޯދުމަށް އިންޑިއާއާއި ޗައިނާގެ ޚާއްޞަ ޓެކްނިކަލް ޓީމުތަކުންނާއި ސިފައިން ދަނީ އެކުގައި މަސައްކަތްކުރަމުންނެވެ. ބައެއް ބިންގަރާސްތަކަށް ޗަކަ ފަސް ވަދެފައިވުމުގެ ސަބަބުން ރެސްކިއު ޓީމުތަކަށް އެތެރެއަށް ވަނުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް، އަދިވެސް އެއަރ ޕޮކެޓްތަކުގައި މީހުން ސަލާމަތުން ތިބެދާނެކަމުގެ ކުޑަ އުއްމީދެއް އޮތްކަމަށް މާހިރުން ފާހަގަކުރެއެވެ.

މި ޤުދުރަތީ ކާރިސާގައި ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ޤައުމުތަކުގެ ފަތުރުވެރިންނާއި މަސައްކަތްތެރިންވެސް ހިމެނެއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި އެ ޤައުމުގެ 275 ރައްޔިތުންނާއި، އިންޑިއާ ނަސްލުގެ 128 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މި މައްސަލައިގައި މަރުވެފައިވާ މީހުން ދެނެގަތުމަށްޓަކައި ޑީއެންއޭ ތަޙްލީލުކުރާ ފޮރެންސިކް މާހިރުންވެސް އެހީތެރިވަމުންދާއިރު، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްދެއެވެ.

ހިއްސާ ކުރައްވާ!