ޢިމްރާން ޚާނާއި އަނބިކަނބަލުން އެކަހެރިކޮށް ބޭތިއްބުން ޕާކިސްތާނުގެ ކޯޓުން މަނާކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ ޖަލުގައި އެކަހެރިކޮށް ބޭތިއްބުން އިސްލާމާމާބާދު ހައި ކޯޓުން މަނާކޮށް، ދެކަނބަލުންނަށް ޢާއިލީ ބައްދަލުވުންތަކާއި ޤާނޫނީ ފުރުޞަތުތައް ފަހިކޮށްދިނުމަށް އަދިއާލާ ޖަލުގެ ވެރިންނަށް އަމުރުކޮށްފިއެވެ.

ޢުމުރުފުޅުން 73 އަހަރުގެ ޢިމްރާން ޚާންގެ ކޮއްކޯ ޢަލީމާ ޚާނާއި ބުޝްރާ ބީބީގެ ދަރިކަނބަލުން މުބައްޝަރާ ޚާވަރު މަނޭކާ ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށްފަހު، ގާޒީ ޚާދިމް ޙުސައިން ސޫމްރޯ ވަނީ ދެކަނބަލުންނަށް ޖަލުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން މީހުންނާ ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށާއި، ޢިމްރާން ޚާންގެ ފިރިހެން ބޭފުޅުންނާ ފޯނުން ވާހަކަދެއްކެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އަމުރުކުރައްވާފައެވެ.

  • މި އަމުރުގެ ދަށުން، ޢިމްރާން ޚާނަށް ދުވަހު ނޫހާއި ފޮތްތައް ފޯރުކޮށްދިނުމަށާއި، ސިއްޙީ އެހީތެރިކަން ކަށަވަރުކޮށްދިނުމަށްވެސް ވަނީ އަންގާފައެވެ.
  • މި އަމުރުތައް ތަންފީޒުކުރުމަށްފަހު 15 ދުވަހުގެ ތެރޭގައި ރިޕޯޓެއް ހުށަހެޅުމަށް ޖަލުގެ ސުޕްރިންޓެންޑެންޓަށް ވަނީ އަމުރުކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވި ޢިމްރާން ޚާންގެ މައްޗަށް އިއްވާފައިވާ ޙުކުމްތަކަކީ ސިޔާސީ މަޤްޞަދެއްގައި އިއްވާފައިވާ ޙުކުމްތަކެއް ކަމަށް އޭނާގެ ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ބުނެއެވެ.

މީގެއިތުރުން، ޢިމްރާން ޚާންގެ ސިއްޙީ ޙާލަތާ ގުޅިގެން އޭނާ އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ކުރިން އަމުރުކޮށްފައިވީ ނަމަވެސް، ރައްކާތެރިކަމުގެ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ސަރުކާރުން އޭނާ ގެންގުޅުނީ ދައުލަތުގެ ހޮސްޕިޓަލެއްގައެވެ.

ކޯޓުގެ އަމުރާ ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާއި، ޢިމްރާން ޚާންގެ ސިއްޙީ ޙާލަތާއި ޢާއިލީ ބައްދަލުވުންތަކާ ގުޅޭ އިތުރު މައްސަލަތައް ތިން ފަނޑިޔާރުންގެ ބެންޗަކުން މީގެ ފަހުން ބެލުމަށް ވަނީ ތާވަލުކޮށްފައެވެ.

ހިއްސާ ކުރައްވާ!