އެމެރިކާގައި އުފަންވާ ކުދިންނަށް ޕާސްޕޯޓް ދޫކުރުމުގެ ކުރިން ބެލެނިވެރިންގެ ރައްޔިތުކަން ޔަގީން ކުރާނެ.

އެމެރިކާގައި އުފަންވާ ކުދިންނަށް އޮޓޯމެޓިކުން ރައްޔިތުކަން ލިބޭ އުސޫލާ ދެކޮޅު ހެދުމަށްޓަކައި، އެ ގައުމުގައި ދަރިންގެ ޕާސްޕޯޓަށް އެދި ހުށަހަޅާއިރު މައިންބަފައިންގެ ރައްޔިތުކަން ނުވަތަ އިމިގްރޭޝަން ސްޓޭޓަސް ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހެޅުން މަޖުބޫރުކުރާ އާ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފަށައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެކުލަވާލަމުންދާ އުސޫލުގެ ދަށުން، ކުޑަކުދިންގެ ޕާސްޕޯޓަށް އެދޭއިރު މައިންބަފައިން ނުވަތަ ގާނޫނީ ބެލެނިވެރިންނަކީ އެމެރިކާގެ ރައްޔިތުންކަން ނުވަތަ އެ ގައުމުގައި ގާނޫނީ ގޮތުން އުޅޭ ބައެއްކަން އަންގައިދޭ ލިޔެކިޔުން ހުށަހަޅަންޖެހޭނެއެވެ. މީގެ ތެރޭގައި މައިންބަފައިންގެ ޕާސްޕޯޓު، އުފަންދުވަހުގެ ސެޓްފިކެޓު، ގްރީން ކާޑު ނުވަތަ I-94 ފޯމު ފަދަ ރަސްމީ ލިޔެކިޔުންތައް ހިމެނެއެވެ.

މިއީ ރައީސް ޓްރަމްޕް މި އޮގަސްޓް މަހުގެ 6 ގައި ނެރުއްވި ރިޔާސީ ގަރާރު އަމަލީ މައިދާނުގައި ތަންފީޒު ކުރުމަށްޓަކައި ސްޓޭޓް ޑިޕާޓްމަންޓުން އެކުލަވާލި ފުރަތަމަ އިޖުރާއީ އޮނިގަނޑެވެ. މި ގަރާރުގެ މައިގަނޑު އަމާޒަކީ އަކީ އެމެރިކާއަށް ފޫޅުކަނޑައިގެން ރައްޔިތުކަން ހޯދުމުގެ ބޭނުމުގައި އެމެރިކާއަށް ގޮސް ކުދިން ވިއްސާ އުސޫލު ހުއްޓުވުމެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، އެމެރިކާގެ ރައްޔިތުކަމުގެ އަގާއި މާނަ ހިމާޔަތްކުރުމުގައި ޓްރަމްޕްގެ ސަރުކާރުން ދޫނުދޭނެ ކަމަށާއި، ޕާސްޕޯޓު ދޫކުރުމުގެ މަރުހަލާގެ ތެރެއިން އެ މިންގަނޑުތައް ފުރިހަމައަށް ހިފެހެއްޓޭނެކަން ކަށަވަރުކުރާނެ ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، އެމެރިކާއަށް އުފަންވާ ކުދިންގެ ޕާސްޕޯޓަށް އެދޭއިރު މައިންބަފައިންގެ އައިޑެންޓިޓީއާއި ކުއްޖާއާއެކު އޮތް ގުޅުން އަންގައިދޭ ލިޔުންތައް ހުށަހަޅަންޖެހުނު ނަމަވެސް، މައިންބަފައިންގެ އިމިގްރޭޝަން ސްޓޭޓަސް ސާބިތުކޮށްދޭ ރަސްމީ ލިޔެކިޔުންތައް އިގުރާރުގެ ގޮތުގައި ހުށަހެޅުން މަޖުބޫރެއް ނޫނެވެ. ނަމަވެސް އާ އުސޫލާއެކު، ކުއްޖާއަށް އެމެރިކާގެ ރައްޔިތުކަން ހައްގުވޭތޯ ބަލާނީ މައިންބަފައިންގެ އިމިގްރޭޝަން ލިޔެކިޔުންތަކަށް ބެލުމަށްފަހުގައެވެ.

އާ އުސޫލުގައިވާ ގޮތުން، ބޭރު ގައުމުތަކުގެ ސަރުކާރު މުވައްޒަފުންގެ ގޮތުގައި އެމެރިކާއަށް އެތެރެވެ މަސައްކަތްކުރާ ފަރާތްތަކުގެ ދަރިންނާއި، މަކަރާއި ހީލަތުން ރައްޔިތުކަން ހޯދަން އުޅޭ ފަރާތްތަކުގެ ދަރިންނަށް އޮޓޯމެޓިކުން ރައްޔިތުކަން ދިނުން ހުއްޓުވޭނެއެވެ.

ނަމަވެސް، މި ނިންމުމާ ގުޅިގެން ގާނޫނީ ގޮތުން ބޮޑެތި ޚިލާފުތަކެއް ވަނީ އުފެދިފައެވެ. ޓްރަމްޕްގެ ކުރީގެ ގަރާރާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، މެރީލޭންޑްގެ ފެޑެރަލް ޖަޖު ޑެބޮރާ ބޯޑްމަން ވަނީ ސަރުކާރުގެ މި އަމުރާމެދު ސުވާލުު އުފައްދަވާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ޖަޖު ބޯޑްމަން ވިދާޅުވީ، މިއީ މީގެ ކުރިން ތާރީޚުގައިވެސް ކަންކަން ހިންގާފައިވާ ގޮތް ނޫން ކަމަށެވެ.

އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އިސްލާހުގެ ދަށުން އެ ގައުމަށް އުފަންވާ ކޮންމެ ކުއްޖަކަށް އޮޓޯމެޓިކުން ރައްޔިތުކަން ލިބޭގޮތަށް އޮންނަ އުސޫލު ބަދަލުކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް މީގެ ކުރިން އެމެރިކާގެ ސުޕްރީމް ކޯޓުންވެސް ވަނީ ހުރަސްއަޅާފައެވެ. ސުޕްރީމް ކޯޓުގެ 6 ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމަވާފައިވަނީ، މައިންބަފައިންގެ ތެރެއިން އެކަކީ އެމެރިކާގެ ރައްޔިތަކަށް ނުވަތަ ދާއިމީ ގްރީން ކާޑު އޮތް މީހަކަށް ވާންޖެހޭ ގޮތަށް ހެދުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!