ދަރިވަރުން ތަފާތު ޚިޔާލުތައް ފާޅުކުރުމުން ނުވަތަ ސުވާލުކުރުމުން އެ ކުދިންނަށް އަދަބުދީ ބިރުދެއްކުމަކީ ޤާނޫނީ އިމުގެ ބޭރުން ހިންގާ، އަދި މަޤާމުގެ ނުފޫޒު ނުބައިގޮތުގައި ބޭނުންކުރުން ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އުއްޖަލް ބުޔާން ވިދާޅުވެއެވެ. އިންޑިއާގައި ޒުވާނުން ނިސްބަތްވާ ކޮކޮރޮޗް ޖަނަތާ ޕާޓީގެ ކުދިން މުޒާހަރާ ކުރުމުން އެމީހުން ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރިއެވެ. އަދި އެކަމާ ދެކޮޅަށް މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ އެކުދިން ހައްޔަރުކޮށްގެން ނުވާނެ ކަމަށް ބުނެފައެވެ.
ނިއުދިއްލީގެ ނޭޝަނަލް ލޯ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި ސުވާލުކުރުމަކީ ސަރުކާރާ އިދިކޮޅުވުމެއް ނޫން ކަމަށާއި، އެއީ ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ.
ޔުނިވަރސިޓީތަކަކީ މިނިވަންކަމާއެކު ވިސްނައި، ޤަބޫލުކުރެވިފައިވާ ކަންކަމާ މެދު ސުވާލުއުފެއްދުމުގެ ފުރުޞަތު އޮންނަންޖެހޭ މާހައުލުތަކެއްކަން ފާހަގަކުރައްވަމުން، ފަނޑިޔާރު ބުޔާން ވިދާޅުވީ ތަފާތު ޚިޔާލުތަކަށް ޖާގަ ނުދިނުމަކީ ނުވަތަ ޚިލާފުތައް ނައްތާލަން މަސައްކަތްކުރުމަކީ ޤާނޫނީ އަސާސްތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި އިންޑިއާގެ ޤާނޫނުއަސާސީން ތަފާތު ޚިޔާލުތަކަށް އިޙްތިރާމްކުރުމަށް ބާރުއަޅާއިރު، ކަންކަމުގައި ދެކޮޅުހެދުމާއި ޚިޔާލުފާޅުކުރުމަކީ ނުރައްކަލެއްގެ ގޮތުގައި ދައުލަތުގެ މުއައްސަސާތަކުން ދެކެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޑިމޮކްރެސީއެއްގެ ފުރިހަމަކަން މިންކުރެވެނީ އެންމެން އެއްގޮތަކަށް ވިސްނުމުން ނޫން ކަމަށާއި، މަޤުބޫލު ނޫން ނުވަތަ އުނދަގޫ ސުވާލުތަކާ މުޖުތަމަޢުން ކުރިމަތިލާ ގޮތުގެ މައްޗަށް ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރުމަކީ ޤާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ، މުޖުތަމަޢުގައި ޚިޔާލުތަފާތުވުންތަކަށް ޖާގަދިނުމުގެ ސަގާފަތް އަށަގަންނުވަންޖެހޭނީ ތަޢުލީމީ މުއައްސަސާތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.






