ސްރެބްރެނިޓްޒާގެ މުޖުރިމަކަށް އިއްޒަތް ނުދިނުމަށް އީޔޫއިން ސާބިޔާއަށް އަންގައިފި

ޖަލުގައި މަރުވި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގައިގެން ހުކުމް ކޮށްފައިވާ ރަޓްކޯ މްލާޑިޗަށް ސާބިއާގެ ސަރުކާރުގެ ޝަރަފުވެރި އަސްކަރީ ޖަނާޒާއެއް ބޭއްވުމަށް ސާބިއާއިން މަސައްކަތްކުރާނަމަ، އެކަމުގެ ނޭދެވޭ އަސަރު އެ ގައުމަށް ކުރާނެ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސާބިއާއަށް އިންޒާރުދީފިއެވެ.

އީޔޫގެ އެކްސްޕެންޝަން ކޮމިޝަނަރު މާރތާ ކޮސް ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ އުސޫލުތަކާ ޚިލާފަށް އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާފައިވާ މީހުންގެ އަގުވަޒަންކޮށް ޝަރަފުދިނުމަކީ އީޔޫގެ މެންބަރު ގައުމަކުން އަދި މެންބަރުކަމަށް އެދިފައިވާ ގައުމަކުންވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު (1992-1995) ސާބިއާގެ ސިފައިންގެ އިސް ވެރިއެއްގެ ގޮތުގައި ހުރި މްލާޑިޗް، އަކީީ 1995 ވަނަ އަހަރުގެ ޖުލައި މަހު ސްރެބްރެނިޗާގައި 8،000 އަށްވުރެ ގިނަ މުސްލިމް ފިރިހެނުންނާއި ކުޑަކުދިން ޝަހީދުކޮށްލައި ހިންގި ގަތުލުއާންމުގެ އިސް މޭސްތިރިޔާއެވެ. އެ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުން އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އުމުރުން 84 އަހަރުގައި މި ކަލޭގެ މަރުވީ ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖަލު ހޮސްޕިޓަލެއްގެ ފާޚާނާ ތެރޭގައެވެ.

މްލާޑިޗް ނިޔާވުމާ ގުޅިގެން ސާބިއާގެ ބައެއް ވަޒީރުން ވަނީ ވެރިރަށް ބެލްގްރޭޑްގައި އޭނާއަށް ޝަރަފުވެރި ޖަނާޒާއެއް ބޭއްވިދާނެ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

2014 އިން ފެށިގެން އީޔޫއާ ގުޅުމަށް މަޝްވަރާކުރަމުންދާ ސާބިއާގެ ވެރިކަމުގައި ހުންނެވި ރައީސް އަލެކްސަންޑަރ ވޫޗިޗްގެ ޚުދުމުޚުތާރު ސިޔާސަތުތަކުގެ ސަބަބުން، އެ ގައުމު އީޔޫއާ ގުޅުމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އީޔޫއިން ބުނަނީ މިފަދަ އަމަލެއް ސާބިއާއިން ހިންގައިފިނަމަ، އެ ގައުމުގެ ޑިމޮކްރަސީއާއި ގާނޫނީ ސިޔާދަތާމެދު އޮތް އިތުބާރު މުޅިން ގެއްލިގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!