ހުރުމުޒު ކަނޑުއޮޅިން ކަނޑުދަތުރުފަތުރު ކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުނުކުރެވި، ދުނިޔޭގެ އިޤްޞާދީ ކުރިއެރުން ދެމެހެއްޓުމަކީ ނުކުރެވޭނެ ކަމެއް ކަމަށާއި، މި ކަނޑުމަގު ބަންދުވުމުގެ އަސަރު މުޅި ދުނިޔޭގެ އިޤްޞާދަށް ކުރަމުންދާ ކަމަށް ޖީ20 ގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުގެ ގަވަރނަރުންގެ ބައްދަލުވުމުގައި ފާހަގަކުރައްވައިފިއެވެ.
އެމެރިކާގެ ސަބަބުން ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ހުރުމުޒު ކަނޑުއޮޅީގެ ވިޔަފާރި މަގުތަކަށް ކުރިމަތިވެފައިވާ ހުރަސްތަކަކީ ހަކަތައިގެ ބާޒާރާއި ތަކެތީގެ އަގުތަކަށް ބޮޑެތި ލޮޅުންތަކެއް އަރުވަމުންދާ ކަމެއްގެ ގޮތުގައި އެގްރޫޕުން ވަނީ ސިފަކޮށްފައެވެ.
ޖީ20 ގެ ބައްދަލުވުމަށްފަހު ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، ދުނިޔޭގެ ކަނޑުމަގުން ކުރެވޭ ތެލާއި ގޭހުގެ ވިޔަފާރީގެ ބޮޑު އިންސައްތައެއް ހިއްސާކުރާ މި ކަނޑުއޮޅީގެ ރައްކާތެރިކަން ގެއްލުމަކީ އިންފްލޭޝަން މަތިވެ، ޤައުމުތަކުގެ ސަޕްލައި ޗޭންތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމެކެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު މާ ބޮޑަށް ކުރަމުންދާއިރު، ދުނިޔޭގެ އިޤްޞާދީ ދުވެލި މަޑުޖެހިގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ސިފައިންގެ ޙަރަކާތްތަކާއި ސަރަޙައްދީ ނުތަނަވަސްކަމުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ޑިޕްލޮމެޓިކް ޙައްލުތަކެއް ހޯދަންޖެހޭކަމަށް ވަޒީރުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.
އދ އާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ހުރުމުޒު ކަނޑުއޮޅީގެ ޙާލަތު އާދައިގެ ޙާލަތަކަށް ނުގެނެވިއްޖެނަމަ، މުޅި ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިޞްބަތް ދަށްވެ، ތެލުގެ އަގު އިންތިހާއަށް މައްޗަށް ގޮސްދާނެކަމުގެ އިންޒާރު ދީފައެވެ.







