އެޗްބީއޯ އިން ހެރީ ޕޮޓަރ ޓީވީ ސިީރީޒްގެ އާ ޓްރެއިލަރެއް އާންމުކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހެރީ ޕޮޓަރއަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކާއެކު، އެޗްބީއޯ އިން ވަނީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ހެރީ ޕޮޓަރ ޓީވީ ސީރީޒްގެ ދެވަނަ ރަސްމީ ޓީޒަރ ޓްރެއިލަރ ޢާންމުކޮށްފައެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ލިޔުންތެރިޔާ ޖޭ.ކޭ. ރޯލިންގް ލިޔުއްވާފައިވާ މި މަޝްހޫރު ފަންނީ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާ މި ސީރީޒްގައި މައިގަނޑު ރޯލުތަކުން ފެނިގެންދާނީ އައު މޫނުތަކެކެވެ. އެތެ އިތުރުން ހެރީ ޕޮޓަރގެ ރޯލުން ޑޮމިނިކް މެކްލޮގްލިން ފެންނައިރު، ރޮން ވީޒލީގެ ރޯލު އަދާކުރަނީ އަލަސްޓެއަރ ސްޓައުޓެވެ. އަދި ހާމިއޮނީ ގްރޭންޖަރގެ ރޯލުން ފެނިގެންދާނީ އަރަބެލާ ސްޓެންޓަންއެވެ.

މާޗް މަހު ނެރުނު ފުރަތަމަ ޓްރެއިލަރާ ޚިލާފަށް، މިފަހަރުގެ ޓްރެއިލަރުން ހެރީގެ ސިޙުރުވެރި ދުނިޔޭގެގެ ތަފްޞީލު މަންޒަރުތަކެއް ވަނީ ދައްކާލާފައެވެ. އެގޮތުން ދަރިވަރުން ގްރޫޕްތަކަށް ބަހާ 'ސޯޓިންގް ހެޓް' ބޭނުންކުރާ މަންޒަރާއި، ކުއިޑިޗް ކުޅޭ ދަނޑު ފުރަތަމަ ފަހަރަށް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން 'ދަ ބަރޯ' އަދި ވީޒްލީ ޢާއިލާގެ ހިތްގައިމު ބަދިގެއިން ފެންނަ މަންޒަރުތައް ވެސް މި ޓްރެއިލަރުން ހާމަވެގެންދެއެވެ.

ބްރިޓިޝް އެކްޓަރު ޕާޕާ އެސިއެޑޫ، ފެންނާނީ ރުޅިގަދަ އަދި ހަރުކަށިކޮށް ފެންނަ ޕްރޮފެސަރ ސެވެރަސް ސްނޭޕްގެ ރޯލުންނެވެ. މި ސީރީޒްގައި މި ރޯލަށް އެސިއެޑޫ ހަމަޖެއްސުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ސަބަބަކީ ރޯލިންގްގެ ފޮތްތަކުގައި ސްނޭޕް ސިފަކޮށްދީފައިވަނީ ހަންގަނޑު ރީނދޫކުލައިގެ ސިފައެއްގައިވާ މީހެއްގެ ގޮތުގައި ކަމަށްވާއިރު، ކަޅު ނަސްލުގެ އެކްޓަރަކު މި ރޯލަށް ކަނޑައެޅުމުންނެވެ.

މި ސީރީޒްގައި އިތުރު މަޝްހޫރު ތަރިން ވެސް ހިމެނެއެވެ.  ހެރީ ޕޮޓަރ އެންޑް ދަ ފިލޯސަފަރސް ސްޓޯން ފޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ސީރީޒް ވެގެންދާނީ ފޭނުންނަށް މުޅިން އައު ތަޖުރިބާއަކަށެވެ.

ހިއްސާ ކުރައްވާ!