ހައުސިން މިނިސްޓްރީ ހިމެނޭ އިމާރާތުގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށާއި އެކަން ހިންގި މީހުން ފުލުހުންނަށް ރަނގަޅަށް އެނގޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެ މައްސަލަ އަލުން ތަހުގީގުކުރަން ހޯމް މިނިސްޓަރު ފުލުހުންނަށް އަންގައިފިއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އަމީނީ މަގުގައި ހުންނަ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނޭ އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ އިމާރާތް ވަނީ މުޅިން އަނދާ ހުލިވެފައެވެ. އަދި އެ ހާދިސާގައި ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އިމާރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
"ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށާއި އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުންވަނީ އަޅުގަނޑަށް މައުލޫމާތު ދެއްވާފައެވެ.
ނަމަވެސް 5 ސެޕްޓެމްބަރ 2026 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިމައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފައެވެ. އަދި ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑުވާނީ ދަންނަވާފައެވެ.
ހޯމް މިނިސްޓަރ ޢަލީ އިޙުސާން
ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، އެ އިމާރާތްތަކުގައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހުންވެސް ފުލުހުންނަށް ސާފުކޮށް އެނގޭ ކަމަށް ވިދާޅުވެއެވެ. އެހެންކަމުން، ކުރީގެ ރައީސަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އެފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުލޫމާތެއް ސާފުކުރުމަށް ފުލުހުންގެ މަރުކަޒަށް ހާޒިރުކުރުމަށް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް މިނިވަންކަމާއެކު ތަހުގީގުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ހުށަހަޅާފައިވާނެ ކަމަށް ހޯމް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.







