ޕާކިސްތާން ހީނަރު ވެފައި ވަނީ ސިފައިންގެ ވެރިކަމާ ހެދި: ފަޒުލުއްރަހުމާން

ޕާކިސްތާނުގެ އަސްކަރީ ވެރިކަންތަކުގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޖަމްޢިއްޔަތު ޢުލަމާއޭ އިސްލާމް (ޖޭ.ޔޫ.އައި-އެފް) ގެ އަމީރު މައުލާނާ ފަޒުލްރަޙްމާން ތުހުމަތުކުރައްވައިފިއެވެ. ލާހޯރުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަޒުލުއްރަޙުމާން ވިދާޅުވީ، މަދަނީންގެ ވެރިކަމާއި ސިޔާސީ ނިޒާމު ބަލިކަށިކޮށް، ސިފައިން ވެރިކަމަށް އައުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދާއި ސިޔާސީ މަސްރަހު ފުނޑުފުނޑުވެފައިވާ ކަމަށެވެ.

ފަޒުލްރަޙްމާން ފާހަގަކުރެއްވި ގޮތުގައި، 1958 ވަނަ އަހަރު ގެނައި ފުރަތަމަ އަސްކަރީ އިންގިލާބުން ފެށިގެން ޤައުމަށް ކުރިމަތިވި އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ ސިފައިންގެ ބާރުގެ ދަށުން ނިންމާފައިވާ ނިންމުންތަކެވެ. އަދި އިންޑަސް ވޯޓާ ޓްރީޓީއާއި ކަޝްމީރު ސިޔާސަތު ފަދަ ޤައުމީ މުހިންމު މައްސަލަތަކުގައި ގޮތް ނިންމާފައިވަނީ ސިޔާސީ ފަރާތްތަކުގެ މަޝްވަރާއާ ނުލައި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ތާރީޚީ ހާދިސާތަކަށް އަލިއުޅުއްވާލައްވަމުން ފަޒުލްރަޙްމާން ވިދާޅުވީ، 1971 ވަނަ އަހަރު އިރުމަތީ ޕާކިސްތާން (މިހާރުގެ ބަނގްލަދޭޝް) ވަކިވެ ބަންގްލަދޭޝް އުފެދުމަށް މެދުވެރިވީ ސިފައިން ގެންގުޅުނު ނުރައްކާތެރި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން، މިހާރު ވެސް ޤައުމު ހިންގަމުންދަނީ ރައްޔިތުންގެ ޙަޤީޤީ މަންދޫބުން މެދުވެރިކޮށް އެމީހުންގެ ޚިޔާލާ ނުލައި ނޫން ކަމަށާއި، މަދު ބައެއްގެ ނުފޫޒުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވަނީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީ.ޕީ.ޕީ) ގެ ސިޔާސަތުތަކަށް ވެސް ފާޑުވިދާޅުވެފައެވެ. އަދި މައްސަލަތއް ހައްލު ކުރުމަށް ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށް ފަޒުލްރަޙްމާން ގޮވާލެއްވިއެވެ.

ހިއްސާ ކުރައްވާ!