ޕާކިސްތާންގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ޑޮކްޓަރީކަމުގެ ތަޢުލީމު ހާސިލުކުރަމުންދާ އަފްޣާނިސްތާނުގެ ދަރިވަރުން އެނބުރި އެ ޤައުމަށް ދިޔުމަށް ޕާކިސްތާނުގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (ޕީ.އެމް.ޑީ.ސީ) އިން އަންގައިފިއެވެ. މި ނިންމުމާއެކު، ތަޢުލީމު މެދުކެނޑިފައިވާ އެތައް ސަތޭކަ ދަރިވަރުންގެ މުސްތަޤުބަލާ މެދު ވަނީ ޝައްކުތަކެއް އުފެދިފައެވެ.
މިފިޔަވަޅު އަޅާފައިވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގޮތުން މަސްރަހު ގޯސްވެ ސަރަހައްދު ހުރަސްކޮށް ހަމަލާތައް ބަދލު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޕީ.އެމް.ޑީ.ސީ އިން ނެރެފައިވާ އެންގުމެއްގައި ވަނީ، މިހާރު ޕާކިސްތާނުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވަމުންދާ އަފްޣާނިސްތާނުގެ ދަރިވަރުން ކިޔެވުން މެދުކެނޑުމަށްފަހު އެނބުރި ޤައުމަށް ދިޔުމަށް އަންގާފައިވާ ކަމަށާއި، އަދި އައު އަފްޣާން ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ދިނުން މުޅިން ހުއްޓައިލުމަށް އަންގާފއިވާ ކަމަށެވެ. މީގެ އިތުރުން، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުވުންވެސް ވަނީ މަނާކޮށްފައެވެ.
ޕާކިސްތާންގެ ނިންމުމުގެ ސަބަބުން ލާހޯރުގެ މަޝްހޫރު ކިންގް އެޑްވާޑް މެޑިކަލް ޔުނިވަރސިޓީ ފަދަ ތަންތަނުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ވަނީ އަސަރުކޮށްފައެވެ. ކިޔެވުން ހުއްޓާލުމަށް އަންގާފައިވާ ދަރިވަރުންގެ ތެރޭގައި އެންމެ ފަހު އަހަރު ކިޔަވަމުންދާ ދަރިވަރުންވެސް ހިމެނެއެވެ. ޑިގްރީ ނިންމާލުމާ ގާތްވެފައިވަނިކޮށް ޕާކިސްތާން ދޫކޮށް ދާންޖެހުމަކީ އެ ދަރިވަރުންނަށް ލިބުނު ބޮޑު ނިކަމެތިކަމެއް ކަމަށް ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކުން ފާހަގަކުރެއެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕާކިސްތާންގައި ތިއްބަވާ ޑިޕްލޮމެޓުން ވިދާޅުވީ، ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު އުފެދިފައިވާ ޚިލާފުތަކުގެ ސަބަބުން އާންމު ރައްޔިތުންނާއި ދަރިވަރުންނަށް މިފަދަ ދަތިތަކާ ކުރިމަތިލާންޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ޚާއްޞަކޮށް އަންހެން ދަރިވަރުންނަށް މިއީ އޭގެ ސަބަބުން މަތީ ތަޢުލީމުގެ ފުރުޞަތުތައް މުޅިން ބަންދުވެގެންދާނެ ކަމެއް ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ސަރުކާރުގެ ފަރާތްތަކުން ބުނާގޮތުގައި މި ނިންމުމަކީ ޤައުމީ ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ.



