ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިނަށް، 65 މައްސަލައެއް އާންމުން ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ހުއްދަ ނެތި ރާއްޖޭގައި އުޅެމުން ބޭރު ފައިސާގެ މުއާމަލާތްކުރާ 27 ބިދޭސީއެއްގެ މައުލޫމާތު ހިމެނެއެވެ. މީގެ އިތުރުން، އެއްވެސް ހުއްދައެއް ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 18 ތަނެއްގެ މައުލޫމާތާއި، ގަވާއިދާ ޚިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ 4 ތަނެއްގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. އަދި ގާނޫނާ ޚިލާފް މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ.
ލިބުނު މައުލޫމާތުތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތުތައް ތަހުގީގުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެމްއެމްއޭ އިން ވެސް ވަނީ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ އެކު އެއްވެސް މުއާމަލާތެއް ނުކުރުމަށް ބާރުއަޅައިފައެވެ. އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރަންވާނީ އެ އޮތޯރިޓީގެ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާބެހޭ ގާނޫނާއި މަނީ ޗޭންޖިން ވިޔަފާރިއާބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ލައިސަންސް ނެތި މިފަދަ މުއާމަލާތްތައް ހިންގުމަކީ ޤާނޫނީ ކުށެއް ކަމަށްވާތީ، ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ އަދާހަމަ ލިސްޓު އެ އޮތޯރިޓީގެ ވެބްސައިޓުން ފެންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން ސެޕްޓެންބަރު 9، 2026 ގެ ނިޔަލަށް ލައިސަންސް ދޫކުރެވިފައިވަނީ 59 ފަރާތަކަށެވެ. އެހެންކަމުން، ބޭންކުތައް ފިޔަވައި އެހެން ފަރާތަކާ އެކު ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތެއް ހިންގާނަމަ، އެ ފަރާތަކީ ލައިސަންސް ލިބިފައިވާ ފަރާތެއްކަން ކަށަވަރުކުރުމަށް މަރުކަޒީ ބޭންކުން ވަނީ އިރުޝާދުދީފައެވެ.




