އީރާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގުޅުން ބަދަހިކުރުމަށް ނިންމައިފި

ނިއުދިއްލީގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގެ ހަވާސާގެ ތެރެއިން އީރާނުގެ ރައީސް މަސްޢޫދު ފަޒަޝްކިއަން އާއި އަބޫދާބީގެ ވަލީއަހުދު ޝެއިޚް ޚާލިދު ބިން މުޙައްމަދު ބިން ޒާއިދު އަލްނަހްޔާން ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އައު ފައްތަރަކަށް ގެންދިއުމަށް ނިންމަވައިފިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު މިފަދަ އެންމެ މަތީ ފެންވަރުގެ ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމަށްފަހު އީރާނުގެ ރައީސް ފަޒަޝްކިއަން ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސަރަހައްދުގެ އެހެން ޤައުމުތަކާ އެކު އީރާނާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުމުގައި ކުރިން ދިމާވެފައިވާ ހުރަސްތައް ކަޑައްތުކޮށް، މުސްތަގުބަލަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް ފާހަގަކުރެއްވިއެވެ. ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އީރާނާއި ގަލްފުގެ ޤައުމުތަކުގެ ބައްދަލުވުމެއް އޮމާންގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ހުރުމުޒު ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފުގެ ޤައުމުތަކާއި އީރާނާ ދެމެދު ބާއްވާ މަޝްވަރާތަކަށް އެމެރިކާއިން ހުރަސް ނާޅާނެ ކަމަށެވެ. ނަމަވެސް، އީރާނުގެ ރައީސް ވަނީ ގަލްފުގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ސިފައިންގެ ބޭސްތައް މެދުވެރިކޮށް އީރާނަށް ދެމުންދާ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފެވެ.

ނިއުދިއްލީގައި ބޭއްވި ބްރިކްސް ސަމިޓް ނިންމާލުމުގެ ގޮތުން 11 ޤައުމުގެ މައްޗަށް އެކުލެވޭ އެ ޖަމުޢިއްޔާއިން "ނިއުދިއްލީ ޑިކްލެރޭޝަން 2026″ ފާސްކޮށްފިއެވެ. މި ބަޔާނުގައި މެދުއިރުމަތީގެ މަސްރަހު ހޫނުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ހުރިހާ ފަރާތްތަކުން ވެސް އެންމެ މަތީ ދަރަޖައަށް ކެތްތެރިކަން އިސްކުރުމަށާއި، ޑިޕްލޮމެޓިކް މަޝްވަރާތައް މެދުވެރިކޮށް ހައްލު ހޯދުމަށް ވަނީ ގޮވާލާފައެވެ.

މި ސަމިޓުގެ ނިންމުންތަކުގައި، ހަނގުރާމައިގެ ހާލަތުގައި އާންމުންގެ ފުރާނައާއި އާންމު ޚިދުމަތްދޭ ތަންތަނާއި އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް ބާރުއަޅާފައިވެއެވެ. އަދި ބައިނަލްއަޤުވާމީ ވިޔަފާރިއާއި، ސަޕްލައި ޗެއިންތަކުގެ ނިޒާމު ހުއްޓުމެއްނެތި ކުރިއަށްދިއުމުގެ މުހިންމުކަން ފާހަގަކޮށް، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތައް ކުޑަކުރުމަށް އެކުގައި މަސައްކަތްކުރުމަށް ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!