އެމެރިކާ އަދި އިޒްރޭލުން ދިން ސޮލީބީ ސަހުޔޫނީ އުދުވާނުގައި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ ފުރަތަމަ އަޑުއެހުން އިރާނުގެ ކޯޓުގައި ބާއްވައިފިއެވެ.
އިރްނާ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަޑުއެހުން ބާއްވާފައިވަނީ ތެހެރާންގެ ބައިނަލްއަޤްވާމީ ކޯޓުގެ ފަންސާސް ފަސްވަނަ ގޮފީގައެވެ. ފަނޑިޔާރު ހުސައިން-ޒާދާ ރިޔާސަތު ބަލަހައްޓަވައިގެން ކުރިއަށް ގެންދިޔަ މި މައްސަލައަކީ އިރާނުގެ ސަރަޙައްދީ އެއްބައިވަންތަކަމަށް ޤާނޫނާ ޚިލާފަށް އަރައިގަތުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށްޓަކައި، އީރާނުގެ 352,983 ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލަ ބެލުމުގެ ޤާނޫނީ ހައިސިއްޔަތު އެ ކޯޓަށް ލިބިގެންވާ ކަމަށް ފަނޑިޔާރު ހުސައިން-ޒާދާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ ޤާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ހޯދުމަށް ލިބިދީފައިވާ ޙައްޤުތަކާއި، ބޭރު ޤައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ހުށަހަޅާ ދައުވާތަކާއި އެމެރިކާގެ ޢަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމާ ބެހޭ ޤާނޫނުތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ބެލުމުގެ ފުރިހަމަ އިޚްތިޞާޞް ކޯޓަށް ލިބިގެންވެއެވެ.
އަދި މި މައްސަލައަކީ އެމެރިކާއާއި އިޒްރޭލުން އިރާނާ ދެކޮޅަށް ހިންގި އުދުވާނީ ހަނގުރާމައާއި އޭގެ ފަހުން ހިންގި ޢަމަލުތަކުގެ ސަބަބުން އިރާނުގެ ރައްޔިތުންނަށް ލިބުނު އަނިޔާތަކާ ގުޅުންހުރި މައްސަލަތައް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަކީލު ޙާމިދު ރިޒާ މުޙައްމަދު ވިދާޅުވީ، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް ބައިނަލްއަޤްވާމީ އަދި ޤައުމީ ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށެވެ. މި މައްސަލައިގެ ކުރިއަށް ހުރި އަޑުއެހުންތައް މި ހަފުތާގެ ފަހުގެ ދުވަހަކަށް ވަނީ ތާވަލުކޮށްފައެވެ.







