ބްރިކްސްގެ މެންބަރުން އިތުރުވެ، އެ ޖަމްޢިއްޔާ "ބްރިކްސް ޕްލަސް" އަށް ބަދަލުވުމަކީ އިންޑިއާއަށް ލިބުނު ފުރުޞަތެއް ކަމުގައި ބުނެއވެ. އަދި މިއީ އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ކުރިމަތިވި ބޮޑު އިމްތިޙާނެއް ކަމަށް ވިއެޓްނާމް ޓައިމްސްގެ ރިޕޯޓެއްގައި ބުނެއެވެ.
ކުރިން 5 ޤައުމުގެ މައްޗަށް އެކުލެވިގެންދިޔަ ބްރިކްސްއާ ޚިލާފަށް، މިއަދުގެ ބްރިކްސް ޕްލަސް ގައި މެދުއިރުމައްޗާއި، އެފްރިކާއާއި، އަދި އޭޝިއާގެ އިތުރު ޤައުމުތައް ޝާމިލުވުމުން އިންޑިއާއަށް ގްލޯބަލް ސައުތުގެ މުހިންމު ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ފުރުޞަތު ލިބިގެންދެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)، އިންޑޮނީޝިއާ، އަދި މިޞްރު ފަދަ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ އިންޑިއާގެ ސްޓްރެޓެޖިކް މިނިވަންކަން ދަމަހައްޓަން ލިބޭ ބާރެކެވެ.
މި ޖަމްޢިއްޔާގެ އެންމެ މުހިންމު އެއް ކާމިޔާބީ އަކީ ނިއު ޑިވެލޮޕްމަންޓް ބޭންކް (އެން.ޑީ.ބީ) އެވެ. އެބެންކުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް 140 މަޝްރޫޢަކަށް 42.9 ބިލިއަން އެމެރިކާ ޑޮލަރު ފާސްކޮށްފައި ވެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވަނީ އިންޑިއާގެ 32 މަޝްރޫޢަކަށެވެ. އަދި އިންޑިއާއިން ބާރުއަޅަނީ މި ބޭންކަކީ ސިޔާސީ އިންސްޓްމަންޓަކަށް ހެދުމުގެ ބަދަލުގައި، ތަރައްޤީގެ މާލީ މުއައްސަސާއެއްގެ ގޮތުގައި ދަމަހައްޓައި، މެމްބަރު ގައުމުތަކުގެ އަމިއްލަ ފައިސާގެ ނިޒާމުތައް ކުރިއެރުވުމަށް ބެންކުން މަސައްކަތް ކުރުމަށެވެ.
ރިޕޯޓުގަިއި ބުނެފައި ވަނީ އިންޑިއާގެ އަމާޒަކަށްވާންޖެހޭނީ ޖަމްޢިއްޔާ އިތުރަށް ފުޅާކޮށް ބޮޑުކުރުމުގެ ބަދަލުގައި، މިހާރު ތބި މެންބަރުންނާއެކު ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. ބްރިކްސްއަކީ އިންޑިއާގެ މައިގަނޑު ޚާރިޖީ ސިޔާސަތު ކަމުގައި ނުދެކި، ބައިނަލްއުޤުވާމީ މައިދާނުގައި އިންޑިއާގެ ބާރުގަދަކޮށް، މަލްޓިޕޯލަރ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތެއްގެ ގޮތުގައި އެ ޖަމާއަތް ބޭނުންކުރުމަށް ބާރުއަޅާފައި ވެއެވެ.





