ބިދޭސި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކު އެކައުންޓު މެދުވެރިކޮށް ދިނުން ޤާނޫނީ ގޮތުން މަޖުބޫރުކޮށް، އެކަމަށް ޢަމަލުކުރުން އަވަސްކުރުމަށް ހޯމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވައިދަށް ގެނެވުނު އިސްލާހާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައިވަނީ، ވަޒީފާދޭ ފަރާތްތަކުން އެ މީހުންގެ ދަށުން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ވީ އެންމެ އަވަހަކަށް ބޭންކު އެކައުންޓު ހުޅުވުމަށް އަންގާފައެވެ. މަރުކަޒީ ބޭންކު، އެމްއެމްއޭގައި ރަޖިސްޓރީ ކޮށްފައިވާ ނުވަތަ އެ އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ބޭންކެއްގައި މި އެކައުންޓުތައް ޤާއިމުކުރަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ލޭބަ ރިލޭޝަންސް އޮތޯރިޓީން ބަލާ މައްސަލަތަކުގައި، ބިދޭސީ މުވައްޒަފަކަށް މުސާރަ ދީފައިވާ ކަމަށް ޤާނޫނީ ގޮތުން ބަލާނީ ހަމައެކަނި އެމްއެމްއޭ ހުއްދަކޮށްފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ޖަމާކޮށްފައި އޮތް ނަމައެވެ. މިއީ ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުންގެ ހައްޤުތައް ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

މި ބަދަލާ ގުޅިގެން އިތުރު ފިޔަވަޅުތަކެއްވެސް ސަރުކާރުންވަނީ އަޅާފައެވެ. އެގޮތުން، ބައެއް ވިޔަފާރިތަކުން ވޯކް ޕާމިޓު ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ނަހަމަ ގޮތުގައި ބިޒްނަސް ވިސާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވޯކް ވިސާއަށް ބަދަލުކުރާކަން ފާހަގަކުރެވިފައިވާތީ، މާދަމާއިން ފެށިގެން ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި އަންނަ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ވޯކް ވިސާއަށް ބަދަލުނުވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިފަދަ ހަރުކަށި އުސޫލުތަކެއް ގެނެސްފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ނެގޭ ރެމިޓެންސް ޓެކްސް ފަދަ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށެވެ. ޤާނޫނުގައިވާގޮތުން ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓު ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެކަނިވެސް ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރަށް 167.6 މިލިއަން ޑޮލަރު ފޮނުވާފައިވެއެވެ. މި އައު ނިޒާމުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގިތައް އިތުރަށް ހަރުދަނާވެގެންދާނެ އެވެ.

ހިއްސާ ކުރައްވާ!