ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓީބިލު ވިއްކައިގެން ނެގި 150 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި، މި ސަރުކާރުން މިއަދު މުޅިން ދައްކައި ޚާލާސްކޮށްފިއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލީޓީ ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި މެއި މަހުގެ ތެރޭގައި ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާއެކު، އެ ފެސިލީޓީގެ ދަށުން ނެގި މުޅި ދަރަނި އެއްކޮށް އަދާކޮށް ނިމުނީ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ދަރަނި ދެއްކުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ، ދަރަނީގެ ބޮޑު އަދަދެއް އެއްފަހަރާ ދެއްކި ނަމަވެސް، ޤައުމަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް މުހައްމަދު ނަޝީދު ވަނީ މި ލޯނު ދެއްކުމުގެ ސަބަބުން އިމްޕޯޓަށް ހުރަސްއެޅި ބޭރުފައިސާއަށް ޖެހިދާނެ ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ިއންޒާރު ދެއްވާފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ރަނގަޅު މިންވަރެއްގައެވެ. ދައުލަތުގެ ދަރަނި މެނޭޖުކުރުމުގައި ސަރުކާރުން އަބަދުވެސް ޚާއްސަ އިސްކަމެއްދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރަމުން އަންނަ ކަމަށް މާލީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އެކި ޤައުމުތަކާ ގުޅިގެން ކުރިއަށްގެންދާ މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެ، އިޤްތިޞާދީ މައިދާން އިތުބާރާއެކު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.





