2028ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި، ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީކޮށް އަރުވައިފި އެވެ.

ރައީސް މުޢިއްޒަށް ކޮންގްރެސް ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރެއްވުން އޮތީ އެ ޕާޓީގެ މަތީ މަޖިލީސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށްޓަކައި ހުށަހެޅުނު ޚާއްސަ ޤަރާރު ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހު ބޭއްވި މަތީ މަޖިލީހުގެ ދަންފަޅީގައި ބައިވެރިވި 119 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ޤަރާރުގައިވާ ގޮތުން، 17 ނޮވެމްބަރު 2023 ގައި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގެންގުޅުއްވާ އޯގާތެރި އަދި ހިންގުންތެރި ސިޔާސަތުތަކަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކެކެވެ. ޚާއްސަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި، ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން ޒަމާނީ ސިފައިންގެ ވަސީލަތްތަކާއެކު އިތުރުކުރެއްވުމާއި، ބޭރުގެ އެއްވެސް ސިފައިންގެ ބާރެއް ރާއްޖޭގައި ނެތްކަން ކަށަވަރުކޮށްދެއްވުން ހިމެނެ އެވެ.

ޤައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅުއްވަމުންދާ އިޞްލާޙީ ފިޔަވަޅުތަކާއި، ރައްޔިތުންނަށް އިތުރު ތަކުލީފެއް ނުޖައްސައި ދަރަނިތައް ޒިންމާދާރުކަމާއެކު އަދާކުރެއްވުމުގެ މަސައްކަތް ވެސް ޤަރާރުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ޒަމާނީކުރުމާއެކު، "ޑިޖިޓަލް މޯލްޑިވްސް 2.0″ އަދި ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގެ މަސައްކަތްޕުޅުތަކަށް ވަނީ އަލިއަޅުވާލާފަ އެވެ.

އުމްރާނީ ތަރައްޤީގެ މައިދާނުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ރަސްމާލެ ހިމެނޭހެން ފައްޓަވާފައިވާ ބިޔަ މަޝްރޫއުތަކާއި، ލާމަރުކަޒީ އުސޫލުން ތަރައްޤީ ފޯރުކޮށްދިނުމުގެ އިތުރުން، ސިއްޙީ ދާއިރާ ތަރައްގީކުރުމާއި އިސްރަށްވެހިންނަށް ދޭ އަހަންމިއްޔަތު ވެސް ފާހަގަ ކޮށްފައިވެ އެވެ.

އިޖުތިމާއީ އަދި ސަލާމަތީ ދާއިރާއިން، މަސްތުވާތަކެތީގެ ވަބާއާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާއި، ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމަށް އަޅުއްވާފިޔަވަޅުތަކަށް ކޮންގްރެސްގެ ސެނެޓުން ވަނީ ތައުރީފުކޮށްފަ އެވެ.

ޚާރިޖީ ދާއިރާއިން، ދިވެހިރާއްޖޭގެ އިއްޒަތް ދަމަހައްޓަވައި، އަނިޔާލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ސާބިތުކަމާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރައްވާ ކަން ފާހަގަކޮށް، މަތީ މަޖިލީހުން ނިންމީ ރައީސް މުޢިއްޒަށް ރިއާސީ ދެވަނަ ދައުރެއް ހައްޤުވާ ކަމަށެވެ.

ހިއްސާ ކުރައްވާ!