ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ "ފުރަތަމަ ޤައުމު" އިސްކުރުމުގެ ސިޔާސަތު ގެންގުޅޭ ބިނާކުރަނިވި ފިކުރެއް ކަމަށާއި، އެހެން ސިޔާސީ ޕާޓީތަކުގައި އޮތީ ފަނާކުރަނިވި ފިކުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކީ ވެސް ޤައުމުގައި ހިނގަމުންދާ ކަންކަމާމެދު އަމިއްލަ ސިކުނޑިން ފުންކޮށް ވިސްނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ކަންކަން ހިނގާފައިވާ ގޮތާއި، މިހާރު ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުންދާ ގޮތަށް ބެލުމުން ބިނާކުރަނިވި ފިކުރާއި ފަނާކުރަނިވި ފިކުރުގެ ބޮޑު ތަފާތު ކޮންމެ ރައްޔިތަކަށްވެސް ވަޒަންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ތަކުރާރުކުރެއްވި ގޮތުގައި، ކޮންމެ ރައްޔިތަކަށްވެސް އެންމެ ފައިދާހުރި ގޮތަކީ ޤައުމުގެ މަސްލަހަތު އިސްކުރުމެވެ. އަދި އެ ސިޔާސަތުގެ މަތީގައި ސާބިތުވެ މަސައްކަތްކުރާ ހަމައެކަނި ސިޔާސީ ފިކުރަކީ ޕީއެންސީ ކަމަށް ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގެ މައިގަނޑު އަމާޒަކީ ދިވެހީންގެ ތެރޭގައި ގާއިމުވެފައި އޮތް އިޖުތިމާއީ ރީތި އާދަކާދަތަކާއި، ޚާއްސަކޮށް އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ މާތް ސިފަ އަލުން އިއާދަކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ދިވެހީންގެ ތެރޭގައި ހަލާކުވެފައިވާ އިޖުތިމާއީ ފޭރާން އަލުން ދިރުވާ އާލާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ޕީއެންސީ ފިޔަވައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން އެއްބާރުލުން ނުދޭ ކަމަށްވިދާޅުވެ، އެފަދަ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ހެޔޮއެދޭ ބައެއްގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށް ވިދާޅުވެ ސުވާލު އުފެއްދެވި އެވެ.
މި ޖަލްސާގައި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރަސްމީކޮށް އަރުވައިފިއެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނިންމުމުގެ ޚާއްސަ ރަސްމިއްޔާތުގައި، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް މުޢިއްޒަށް ދެންނެވުމަށްޓަކައި ހުށަހެޅުނު ޤަރާރު ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 17 ވީ ދުވަހު ބޭއްވި މަތީ މަޖިލީހުގެ ޚާއްސަ ދަންފަޅީގައި ބައިވެރިވި 119 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމަށް ފައިދާހުރި ދެމެހެއްޓެނިވި ކަންކަން ކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ލިބޭ ތާއީދު ގެއްލުނު ކަމުގައި ވިޔަސް، އެއީ އެއްވެސް ވަރަކަށް ފަރުވާލެއް އޮތް ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ ހަގީގީ ބޭނުމަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް ޤައުމުގައި ހުރި މުހިންމު ހައްސާސީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 17 ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި މަސައްކަތްޕުޅުތަކުގެ ތަފްސީލު ދެއްވިއެވެ. އެގޮތުން، ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކުގެ ތެރެއިން 1.342 ބިލިއަން ޑޮލަރު މި ސަރުކާރުން މިހާތަނަށް ދައްކައި ޚަލާސްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެންމެ ފަހުން ދެއްކި 50 މިލިއަން ޑޮލަރުވެސް ހިމެނޭކަން ހާމަކުރެއްވިއެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނެގި 532 މިލިއަން ޑޮލަރުގެ ސުކޫކަށްވާ ފައިސާ ދެއްކެވީ، ޤައުމުގެ ހަރުމުދާތައް ރަހުނުން ސަލާމަތްކުރުމަށް ކަމަށް ވިދާޅުވިއެވެ.
ޤައުމީ ހަރުމުދާ ދިވެހީންގެ އަތްމައްޗަށް ގެނައުމުގެ ސިޔާސަތުގެ ދަށުން، މީގެކުރިން ވިއްކާލާފައިވާ ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާތައް އަނބުރާ ހޯދުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް އިއުލާނު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި "ދިވެހީންގެރާއްޖެ" އެއް ގާއިމުކުރާއިރު، ދިވެހީންގެ ހަރުމުދާތަކާއި ކުންފުނިތައް އޮންނަންޖެހޭނީ ދިވެހީންގެ އަތްމަތީގައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން ޒަމާނީ ސިފައިންގެ ވަސީލަތްތަކާއެކު އިތުރުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް ސިފައިންގެ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިޤްތިޞާދީ އަދި އިޖުތިމާއީ ދާއިރާއިން ސަރުކާރުން ހާސިލުކުރަމުންދާ ކަންކަމަށް އަލިއަޅުވާލައްވަމުން، "ޑިޖިޓަލް މޯލްޑިވްސް 2.0″ ގެ އިންގިލާބީ ތަސައްވުރާއި، ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ތައާރަފުކުރުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރަސްމާލެ ހިމެނޭހެން ފައްޓަވާފައިވާ ބިޔަ މަޝްރޫއުތައް ރައީސް ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާއާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 80,083 އަށް އަރާފައިވާކަން އިއުލާނު ކުރައްވާފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ސިޔާސީ ޕާޓީއެއްގައި މެންބަރުން މިހާ އިތުރުވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 އަށް ގެންދިއުން ކަމަށް ވިދާޅުވެފައެވެ. މީގެ ދެ އަހަރާއި އަށެއްކަ މަސްކުރިން ޕީއެންސީގައި ތިބީ 3,000 މެންބަރުންނެވެ.





