ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ އިޒުޢާން، ޒީކް އަދި އާޔަން އަށް

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ވަނަތައް އިސްމާޢީލް އިޒުޢާން އިބްރާހީމް، ޢާއިޝަތު ޒީކް ރިޔާޟް އަދި އާޔަން އަޙްމަދު ޢިނާން ހޯދައިފިއެވެ.

މި މުބާރާތުގެ ޙާފިޡުންގެ ގޮފިން މުޅި މުބާރާތުން އެއްވަނަ އިސްމާޢީލް އިޒުޢާން އިބްރާހީމް ހޯދާފައިވާއިރު، ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ ޢާއިޝަތު ޒީކް ރިޔާޟްއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ޚާޞިލްކުރީ އާޔަން އަޙްމަދު ޢިނާންއެވެ.

މި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއަހަރުގެ މުބާރާތުގެ ރަންވަނަތައް ހޯދި ފަރާތްތަކަށް ސަރުކާރާއި އެކި މުއައްސަސާތަކުގެ ފަރާތުން ބޮޑެތި އަދި އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން، ވަނަތައް ހޯދި ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ޚާއްސަ އިނާމުތައް ވަނީ އަރުވާފައެވެ. މީގެއިތުރުން، ބޭނުންވާ ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕްވެސް މި ވަނަތައް ހޯދި ފަރާތްތަކަށް ވަނީ އަރުވާފައެވެ.

މީގެއިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި، މޯލްޑިވްސް ޒަކާތު ހައުސްގެ އިތުރުން އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ގުޅިގެން ދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިޔުމާއި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ވަނީ އެއްވަނަ ހޯދި ބައިވެރިންނަށް ޢުމްރާ ދަތުރެއް ދީފައެވެ.

ހިއްސާ ކުރައްވާ!