ޕާކިސްތާނުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުންނަކީ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވެ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ކަމަށާއި، ޖަލު ތޮއްޖެހުމުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން (އެޗްއާރުސީޕީ) އިން ނެރުނު ސިޔާސަތުތަކާ ބެހޭ ކަރުދާހެއްގައި ބުނެފި އެވެ.
ޕާކިސްތާން މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، "ބިޔޯންޑް ދަ ޕްރިޒަން ވޯލް: ރެޑިއުސިން އޯވަކްރައުޑިން އިން ޕާކިސްތާންސް ޕްރިޒަންސް" ގެ ނަމުގައި އެޗްއާރުސީޕީން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު ޕާކިސްތާނުގެ ޖަލުތަކުގެ އާބާދީގެ 73.41 އިންސައްތައަކީ ޝަރީއަތް ނުނިމި ބަންދުގައި ތިބި މީހުންނެވެ. މިއީ 2017 ވަނަ އަހަރު ރެކޯޑުކުރެވުނު 66 އިންސައްތައާ އަޅާބަލާއިރު ނިސްބަތުން ބޮޑު އިތުރުވުމެކެވެ.
އެޗްއާރުސީޕީގެ ރިޕޯޓުގައި މުޅި ގައުމުގެ ޖަލުތަކަށް ބާރުބޮޑުވެފައިވާ މިންވަރަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައި ޕާކިސްތާނުގެ ޖަލުތައް ހިންގަމުންދިޔައީ، އެ ޖަލުތަކަށް ރަސްމީކޮށް ކަނޑައެޅިފައިވާ ޖާގައަށްވުރެ އެވްރެޖްކޮށް 152.2 އިންސައްތަ އިތުރަށް މީހުން ބައިތިއްބައިގެންނެވެ.
އެޗްއާރުސީޕީން ފާހަގަކުރާ ގޮތުގައި، ހަމައެކަނި ޖަލުތަކުގެ އިންފްރާސްޓްރަކްޗާ ފުޅާކޮށްގެން މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެއެވެ. ޖަލުތައް ތޮއްޖެހެން މެދުވެރިވާ މައިގަނޑު ސަބަބަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި އުނިކަންކަމާއި، ކަފާލާތުގެ އުސޫލުތައް ހަރުދަނާ ނުވުމާއި، ޝަރީއަތްތައް ދިގުލައިގެންދިއުމުގެ އިތުރުން ޝަރީއަތުގެ ކުރިން ބަންދުގައި ބޭތިއްބުމުގެ އުސޫލު ހައްދެއް ނެތް މިންވަރަށް ބޭނުންކުރުމެވެ.
ޕަންޖާބު ޕްރޮވިންސްގައި މި މައްސަލަ އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. ރިޕޯޓުގައިވާ ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕަންޖާބުގެ 45 ޖަލެއްގައި 39،204 މީހުންގެ ޖާގަ އޮތްނަމަވެސް، 74،773 ގައިދީން ބައިތިއްބާފައި ވެއެވެ. މިއާއެކު ޖަލުތަކުގެ ޖާގައަށްވުރެ 190.73 އިންސައްތަ އިތުރަށް މީހުން ބަންދުކޮށްފައިވާއިރު، އޭގެ ތެރެއިން 54،932 މީހުންނަކީ ޝަރީއަތް ނުނިމި ވާނުވާގައި ތިބި މީހުންނެވެ.
ރިޕޯޓުގައި ބުނެފައިވަނީ، އިތުރު ޖަލުތައް ގާއިމުކޮށްގެން ޕަންޖާބުން ޖަލުތަކުގެ އިންފްރާސްޓްރަކްޗާ ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ފުޅާކުރުންތަކަށްވުރެ ގައިދީންގެ އާބާދީ އިތުރުވާ ނިސްބަތް ވަނީ މާ ބޮޑުވެފައެވެ. 2010 ވަނަ އަހަރު ޕަންޖާބުގެ 21،527 މީހުންގެ ޖާގައިގެ ޖަލުތަކުގައި 52،803 ގައިދީން ތިބިއިރު، 2024 ވަނަ އަހަރު އެ މިންވަރު ވަނީ 173.6 އިންސައްތައަށް އިތުރު ވެފައެވެ.
އެޗްއާރުސީޕީން ވަނީ ވަކި އުސޫލެއް ނެތި މީހުން ހައްޔަރުކުރުމާއި، ތަހުގީގުތައް ލަސްވުމާއި، ދައުވާކުރުމުގެ މަރުހަލާ ދިގުލައިގެންދިއުމަކީ ޝަރީއަތް ނުނިމި ބަންދުގައި ތިބޭ މީހުންގެ އާބާދީ އިތުރުވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި ތުހުމަތުކުރެވޭ ގިނަ މީހުން ތަހުގީގާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން މަސްތަކެއް ނުވަތަ އަހަރުތަކެއް ބަންދުގައި ހޭދަކުރަންޖެހޭ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.





