ސައޫދީ އަރަބިއްޔާ އާއި ޔަމަންގެ ހޫޘީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ޕާކިސްތާނު ސިފައިންނާއި އަސްކަރީ ވަސީލަތްތައް ފޮނުވުމަށް އެކުލަވާލި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އަށް ޕާލަމެންޓުގެ ހުއްދަ ހޯދުމެއްނެތި ސަރުކާރުން އަމަލުކުރަން ފެށުމާ ގުޅިގެން، ޕާކިސްތާނުގެ ސިޔާސީ މައިދާން ގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، 2015 ވަނަ އަހަރު ސައޫދީއާއި ޔަމަންގެ މައްސަލައިގައި ޕާކިސްތާނުން ބައިވެރިވުމާ މެދު ގޮތެއް ނިންމީ ޕާލަމެންޓުގެ ދެ ގެއިން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ. އެ ދުވަސްވަރު ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވަނީ އެ މައްސަލަ ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ. އަދި އޭރުގެ މާލީ ވަޒީރު އިސްހާގް ދާރު ހުށަހެޅުއްވި ގަރާރުގައި، ސައޫދީގެ ސަރަހައްދީ އެއްބައި ވަންތަކަމަށް ތާއީދުކުރާ ހާލު، ޔަމަންގެ ހަނގުރާމައިގައި ވަކިފަރާތަކަށް ނުޖެހި، ޑިޕްލޮމެޓުން މެދުވެރިކޮށް ސުލްހައަށް މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް 2026 ވަނަ އަހަރު އާސިމް މުނީރުގެ ވެރިކަމުގައި އެކުލަވާލި އާ އެއްބަސްވުމާއެކު ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، މައްކާ އެއްބަސްވުމުގެ ދަށުން ސިފައިން ފޮނުވުމަކީ ސަރުކާރުގެ އިދާރީ ނިންމުމެއް ކަމަށާއި، ދިފާއީ ސްޓްރެޓެޖީ ތަކަށް ޕާލަމެންޓުގެ ފުރިހަމަ ހުއްދަ ހޯދުން މަޖުބޫރެއް ނޫން ކަމަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިޔާސީ މަޝްވަރާތައް ނުކުރާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ވިދާޅުވީ، ދިފާއީ ވަޒީރު ޚަވާޖާ އާސިފް އާއި، ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިސްހާގް ދާރު، ސްޓްރެޓެޖިކް ސިޔާސީ އަދި ދިފާއީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި މިއީ ޕާލަމެންޓުގެ މެންބަރުން މި ނިންމުމުން އެއްކައިރި ނުކުރާ ކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ސިޔާސީ މާހިރުން ދަނީ 2015 ގައި ގެންގުޅުނު ސިޔާސަތާއި، މިހާރުގެ މަސްރަހު ގައި ހުރި ނުރައްކާތައް ތަފާތުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަމުންނެވެ.
މި އެއްބަސްވުމުގައި ހިމެނޭ ތިންވަނަ ގައުމު ކަމަށްވާ ތުރުކީން ވަނީ، މައްކާ ދިފާއީ އެއްބަސްވުން އެ ގައުމުގެ ޕާލަމެންޓަށް ހުށަހަޅައި، ގާނޫނީ ހުއްދަ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ގާނޫނީ ގޮތުން ލިބިދޭ ބާރުތަކަށް ބެލިނަމަވެސް، ޕާކިސްތާނުންވެސް ތުރުކީން އަމަލުކުރި ފަދައިން ގާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް ނިންމުންތައް ނިންމުން މުހިންމު ކަމަށް އާންމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޕާކިސްތާނުގެ ސިފައިން ސައޫދީގެ ފަސްގަނޑުގައި ގާއިމުވެ ތިބޭތާ ދިހަވަރަކަށް އަހަރު ވެފައިވީ ނަމަވެސް، އާ އެއްބަސްވުމުގެ މާއްދާތައް އާންމުކޮށްފައި ނުވާތީ، މީގެ ސަބަބުން ނުކުމެދާނެ ނަތީޖާ ވަޒަންކުރަން ވަނީ ދަތިވެފައެވެ.
ބަންދުކުރެވިފައިވާ ކޮޓަރިއެއްގައި މަދު ވަޒީރުންކޮޅެއް ބައިވެރިވެގެން މަޝްވަރާކުރުމަކީ، މުޅި ޕާލަމެންޓުގައި ބޭއްވޭ ބަހުސެއްގެ ބަދަލުގައި ފުދޭނެ ކަމެއް ނޫން ކަމަށް ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. ބޭރު ގައުމެއްގެ ހަނގުރާމައެއްގައި ޕާކިސްތާނުގެ ސިފައިން ބައިވެރިވުމުގެ ކުރިން ރައްޔިތުންގެ މަންދޫބުންގެ އިތުބާރު ހޯދަންޖެހޭނެއެވެ. ސައޫދީ އަރަބިއްޔާގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި މުގައްދަސް ބިމުގެ ސަލާމަތްތެރިކަން ދިފާއުކުރުމުގައި ޕާކިސްތާނުން ސާބިތުވެ އޮތްކަމާމެދު އެއްވެސް ސުވާލެއް ނެތެވެ. ނަމަވެސް، މައިގަނޑު ކަންބޮޑުވުމަކީ އިޖުރާއަތްތައް ކުރިއަށްދިޔަ ގޮތާއި، ރައްޔިތުންގެ މަންދޫބުން ތިބި ޕާލަމެންޓަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ކުޑަވުމެވެ.





