ފިޖީގެ ވެރިރަށް ސުވާގައި ގާއިމުކޮށްފައިވާ ސަރަހައްދީ ޖަމްޢިއްޔާއެއްގެ ނެޓްވޯކަށް، ޗައިނާއާ ގުޅުންހުރި ހެކަރުންތަކެއް ވަދެ އެތައް ދުވަހަކު އެ ނެޓްވޯކްގެ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ފިޖީގައި ހުންނަ އެމެރިކާގެ އެމްބަސީން ހާމަކޮށްފިއެވެ.
ފިޖީ، ކިރިބަތީ، ނައުރޫ އަދި ތުވާލޫ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ހެކް ކުރުމުގެ އަމަލު ހިންގާފައިވަނީ މިއަހަރުގެ ޖުލައި މަހާއި އޯގަސްޓު މަހާ ދެމެދުގެ ދުވަސްތަކުގައެވެ. އަދި މި މައްސަލަ ފާހަގަވުމާއެކު، ފިޖީ ސަރުކާރަށާއި އަސަރުކުރި ޖަމްޢިއްޔާއަށް އެކަން އަންގައި، ނެޓްވޯކްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފަންނީ ލަފާތައް ފޯރުކޮށްދީފައިވާނެ ކަމަށް އެމްބަސީން ބުންޏެވެ. ނަމަވެސް، މި ހާދިސާގައި ޝާމިލުވާ ސަރަހައްދީ ޖަމްޢިއްޔާގެ ނަން އެމްބަސީން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފިޖީ ސަރުކާރުގެ ރަސްމީ ބަހެއް ވަގުތުން ލިބިފައި ނުވި ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި ސައިބަރ ސެކިއުރިޓީގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާކަން މާހިރުން ފާހަގަކުރެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ، އެމެރިކާއާއި ބޭރުގެ މުހިންމު އިންފްރާސްޓްރަކްޗަރުތަކަށް އަމާޒުކޮށްގެން ހެކް ކުރުމުގެ އަމަލުތައް ހިންގާ ޗައިނާގެ އައިޓީ ކުންފުންޏަކާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ހެކަރުންތަކެއް ހުއްޓުވުމުގެ ގޮތުން، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހަތް އިންޓަނެޓް ޑޮމޭން މި މަހުގެ ކުރީކޮޅު އަތުލައިގަނެފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން، ތިންކް ޓޭންކްތަކާއި، ޔުނިވަސިޓީތަކާއި އަދި ގާނޫނީ ފަރާތްތަކުގެ ޕާސްވޯޑްތައް ވަގަށް ނެގުމުގެ މަގުސަދުގައި ޗައިނާގެ ހެކަރުންތަކެއް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާހިރުންގެ ސިފަ ދައްކައިގެން މަސައްކަތްކުރަމުންދާ ކަމަށް ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ޕްރޫފްޕޮއިންޓުން މި މަހުގެ ކުރީކޮޅު ވަނީ ހާމަކޮށްފައެވެ.




