އިޓަލީގެ މިލާން ސިޓީގެ ވިޔަފާރި ސަރަހައްދުގައި ހަފުތާ ބަންދުގައި ހިންގި ނުރައްކާތެރި ހަމަނުޖެހުންތަކާއި ފިހާރަތައް ލޫޓުވުމުގެ ހާދިސާތަކާ ގުޅިގެން، މުޒާހަރާތައް ކޮންޓްރޯލްކުރުމަށްޓަކައި ރައްކާތެރިކަމުގެ ހަރުކަށި އާ ފިޔަވަޅުތަކެއް އެ ގައުމުގެ ސަރުކާރުން އަންގާރަ ދުވަހު އިއުލާނުކޮށްފިއެވެ.
މެލޯނީގެ ސަރުކާރުން އާންމުކުރި ގަރާރުގެ ދަށުން، މި އަހަރުގެ ނިޔަލަށް މިލާން ސިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު 500 ސިފައިން ނެރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުޑަކުދިން އާންމު މުދަލަށް ދޭ ގެއްލުންތަކަށް އެ ކުދިންގެ ބެލެނިވެރިން މާލީ ގޮތުން ޒިންމާ އުފުލަންޖެހޭ ގޮތް ހެދުމާއި، އުމުރުން 14 އަހަރުން މަތީގެ ކުޑަކުދިންނަށް ދައުވާކުރުމުގެ އުސޫލުތައް ވަނީ ކުރިއަށްވުރެ ފަސޭހަ ކޮށްފައެވެ.
އިޓަލީގެ ބޮޑުވަޒީރު ޖޯރްޖިއާ މެލޯނީ މީސް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މަންޒަރު ފެނުމަކީ ވަރަށް ދެރަވި އަދި ބިރުވެރި ކަމެއް ކަމަށެވެ. އަދި ޒުވާނުން ނުކުމެ ތަންތަން ހަލާކުކޮށް، ވައްކަންކޮށް، އެ މަންޒަރުތައް ވީޑިއޯކުރަމުންދިޔަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މެލޯނީ ވިދާޅުވީ މިއީ އެހެން ކުދިންނަށް ނަމޫނާއަކަށް ވިޔަނުދިނުމަށްޓަކައި ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.
އަލަށް އެކުލަވާލި ގަރާރުގެ ދަށުން، މުޒާހަރާތަކުގައި އަނިޔާވެރިކޮށް ބައިވެރިވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ކުށަށް ފަސް އަހަރަށް ޖަލަށްލުމާއެކު 20,000 ޔޫރޯ އިން ޖޫރިމާނާ ކުރެވޭނެއެވެ. އަދި މޫނު ނިވާކޮށްގެން ތިބޭ މީހުންނާއި، މީހަކަށް އަނިޔާވާ ހާލަތްތަކުގައި އަދަބު އިތުރަށް ހަރުކަށިވާނެއެވެ.
ކުރިން ކޯޓުގެ ގާޒީއަކު ކަނޑައަޅަންޖެހޭ ކަމެއްގެ ގޮތުގައި އޮތް އުސޫލު ބަދަލުކޮށް، އުމުރުން 14 އަހަރުން މަތީގެ ކޮންމެ ކުއްޖަކީވެސް އެ ކުއްޖެއްގެ އަމަލުތަކުގެ ނަތީޖާ ދަންނަ ކުއްޖެއްގެ ގޮތުގައި ގާނޫނީ ގޮތުން މިހާރު ބެލެވޭނެއެވެ. ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ގާނޫނަކަށް ހަދަންޖެހޭ މި ގަރާރާއެކު، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ގާޒީން އިތުރުކުރުމާއި، ބަންދުކުރާ ތަންތަނުގެ ޖާގަ އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ހޮނިހިރު ދުވަހު މިލާން ސިޓީގެ މަރުކަޒީ ސަރަހައްދުގައި މޫނު ނިވާކޮށްގެން ތިބި މުޒާހަރާގެ ބައިވެރިން ލުހުންނާ ކުރިމަތިލައި، ފިހާރަތައް ލޫޓުވައި، މުދަލުގައި ރޯކުރުމުން ފުލުހުން ވަނީ ކަރުނަގޭހާއި ފެން ބަޑި ބޭނުންކޮށްފައެވެ. އާދީއްތަ ދުވަހުވެސް މި ހަމަނުޖެހުންތައް ކުރިއަށްދިޔައިރު، ދެ ދުވަހުގެ ތެރޭގައި ފުލުހުންގެ 100 އަށްވުރެ ގިނަ އޮފިޝަލުންނަށް ވަނީ އަނިޔާވެފައެވެ.
މިލާނުގެ ފުލުހުން ހާމަކުރި ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކުގައި 2,000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުގެ މީހުންނަށް އުފަން، އިޓަލީގެ ރައްޔިތުކަން ހޯދާފައިވާ ގިނަ އަދަދެއްގެ ޒުވާނުންނާއި ބޭރު ގައުމުތަކުގެ ރައްޔިތުން ހިމެނެއެވެ. ހަފުތާ ބަންދުގައި ހައްޔަރުކުރި 50 އަށްވުރެ ގިނަ މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުންނަކީ ކުޑަކުދިންނެވެ.






