އިޓަލީގެ ސިސިލީ ސަރަޙައްދަށާއި ޕަލެރްމޯގެ ވަށައިގެންވާ ސަރަޙައްދުތަކަށް ދެ ގަޑިއިރުގެ ތެރޭގައި 12 ބިންހެލުން އައުމާ ގުޅިގެން އެ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމު އިމާރާތްތަކާއި ސކޫލްތައް ހުސްކޮށްފިއެވެ. މި ބިންހެލުންތަކުގެ ތެރެއިން އެންމެ ބާރުގަދަ ބިންހެލުން ރެކޯޑުކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 5.5 ގެ ބާރުމިނުގައެވެ.
މި ބިންހެލުމާއެކު އޮރެންޖު އެލާޓުގެ ސުނާމީ އިންޒާރެއް ނެރުނެވެ. ނަމަވެސް، ކަނޑުގެ ސަތަހައަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ އޭގެ ކުޑައިރުކޮޅެއް ފަހުން އެ އިންޒާރު ވަނީ އުވާލާފައެވެ. އިޓަލީގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޖިއޯފިޒިކްސް އެންޑް ވޮލްކަނޯލޮޖީގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ބިންހެލުމުގެ މަރުކަޒު ހުރީ އޭއޯލިއަން ސަރަހައްދުގެ ހުޅަނގުން ދެކުނު ޓިރޭނިއަން ކަނޑުގެ އަޑީގައެވެ.
ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މި ބިންހެލުންތަކުގެ ފުންމިން ދެ ސަރަޙައްދަކަށް ބެހިފައިވުމަކީ ކޮންމެވެސް ވަރެއްގެ އޮޅުންބޮޅުންތަކެއް އުފެދިދާނެ ކަމެކެވެ. ސީޒްމޯލޮޖީ ޕްރޮފެސަރު މިއްމޯ ޕަލާނޯ ވިދާޅުވި ގޮތުގައި، ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އުފެދިފައިވާ ބިންހެލުންތަކުގެ ސިލްސިލާ ބޮޑަށް ބާރުވެފައިވަނީ 20 އާއި 30 ކިލޯމީޓަރުގެ ފުންމިނަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ލޮޅުންތައް އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ނުވަތަ އިމާރާތަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެސީނާގެ ސކޫލްތައް ހުސްކޮށް، އޭއޯލިއަން ޖަޒީރާތަކުގެ ތެރޭގައި ހިމެނޭ އަލިކޫޑީ އާއި ފިލިކޫޑީގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ގެއަށް ފޮނުވާލާފައެވެ. މީގެއިތުރުން ޕަލެރްމޯގެ އެންމެހައި އާންމު އިމާރާތްތަކުން މީހުން ނެރުމަށް އަމުރުކޮށްފައިވާއިރު، ޓްރަޕާނީގެ ކޯޓު ހައުސްވެސް ވަނީ ހުސްކޮށްފައެވެ.
އިޓަލީގެ ސިވިލް ޕްރޮޓެކްޝަނުން ދަނީ ހާލަތު މޮނިޓަރުކޮށް، ހާލަތު ބަލަމުންނެވެ. ޕަލެރްމޯގެ މޭޔަރު ވިދާޅުވީ، ސަރުކާރުން ދަނީ ހާލަތުގެ ނާޒުކުކަމަށް ބަލައި އެންމެ މަތީ ދަރަޖައިގެ ސަމާލުކަން ދެމުން ކަމަށެވެ. އަދި އާންމު އިމާރާތްތައް ހުސްކުރުމަކީ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅި އަވަސް އަދި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކަމާބޭހޭ އިދާރާތަކުން ވަނީ އާންމުން، ޚާއްސަކޮށް އައްސޭރިފަށުގެ ސަރަޙައްދުތަކުގައި އުޅޭ މީހުން ކަނޑަށް ނުނިކުތުމަށާއި، ކަމާބޭހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަހުލުވެރިވުމަށް އިލްތިމާސްކޮށްފައެވެ.





