އިސްރާއީލުގައި މި ހަފުތާގައި ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ގަތަރުން މާލީ އެހީތެރިކަން ދީފައިވާ ކަމަށް ބުނެ އިސްރާއީލުގެ ސިޔާސީ ފަރާތްތަކުންނާއި މީޑިއާއިން ކުރަމުންދާ ތުހުމަތުތައް، އެ ގައުމުން ދޮގުކޮށްފިއެވެ. ގަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ މިއީ އިސްރާއީލުގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ގަތަރުގެ ނަން ވައްދައިގެން ޙަޤީޤަތް އޮޅުވާލުމަށް ހިންގާ ދޮގު ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޤަތަރުގެ އިތުރުން ސައޫދީން ވެސް މިލިއަނުން ޔަހޫދީ ދައުލަތުގެ އިންތިޚާބަށް ޚަރަދުކުރިކަމަށް މިސްމީޑިއާގައި ވާހަކަ ފަތުރަމުން ދެއެވެ، ނަމަވެސް ޤަތަރާ ޚިލާފަށް ސައުދީން ފައިސާ ދިނީ ނަތަންޔާހޫ ހޮވުމަށް ކަމަށް ބުނެއްެވެ. މިއިން އެއްވެސް ވާހަކައަކީ ސާބިތު ހިފޭ ފަދަ ވާހަކަ އެއް ނޫނެވެ.
ގަތަރުގެ ބޮޑުވަޒީރުގެ މުޝީރު އަދި ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލްއަންސާރީ އެކްސްގައި ވިދާޅުވީ، އިސްރާއީލުން ކުރާ ތުހުމަތުތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެގޮތުން ބެންޖަމިން ނަތަންޔާހޫގެ ތާއީދު ގަތުމަށާއި، އިސްރާއީލުގެ ވާތުފިޔައިގެ އިއްތިހާދަށް މާލީ އެހީ ދިނުމުގެ އިތުރުން، އަރަބި އާންމުންގެ ވޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިސްރާއީލުގެ ސިޔާސީ މައިދާން މުޅިން ކޮންޓްރޯލް ކުރަނީ ގަތަރުން ކަމަށް ދެއްކުމަށް ކުރާ ބޭކާރު މަސައްކަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.







