އެފްރިކާ ބައްރުގެ އިރުމަތީ ބިތާއި ހުޅަނގު ބިތުގެ ދެގައުމުގެ ބަނދަރުތައް ރޭލްވޭ އަކުން ގުޅުވާލުމަށް އެއްބަސްވެއްޖެއެވެ. މި ރޭލްވޭ ގުޅާލަނީ އިންޑިއާ ކަނޑައަށް އޮންނަ ޓެންޒޭނިއާ އާއި އެޓްލާންޓިކް ކަނޑަށް އޮންނަ އެންގޯލާއިން ނެވެ.
މި މަޝްރޫއަކީ ހުޅަނގުގެ ގައުމުތަކުގެ މާލީ އެހީތެރިކަމާއި ޗައިނާގެ މާލީ އެހީތެރިކަމާއެކު ގާއިމު ކުރާ ބިލިއަން ޑޮލަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެއް ނެޓްވޯކަކުން ގުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޓެންޒޭނިއާގެ ރައީސް ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހުޅަނގުގެ ގައުމުތަކުން ފަންޑުކުރާ އެންގޯލާގެ "ލޮބީޓޯ ކޯރިޑޯ" އާއި ޗައިނާގެ މާލީ އެހީގައި ޓެންޒޭނިއާގައި ބިނާކޮށްފައިވާ "ތަޒާރާ" ރޭލު މަގު ގުޅުވާލެވޭނެއެވެ.
މި ރޭލު ނެޓްވޯކް އެންގޯލާގެ އެޓްލާންޓިކް ކަނޑުގެ ބަނދަރުން ފެށިގެން ޒެމްބިއާ އާ ހަމައަށް ދާނެއެވެ. އަދި ދެ ގައުމުގެ ދޭތެރެއިން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާ ވެސް ގުޅުވާލާނެއެވެ.
މި ރޭލު މަގަކީ ޗައިނާއާއި އެމެރިކާއިން އެފްރިކާގައި ނަގަމުންދާ ނާދިރު މައުދަންތައް އެމީހުންގެ ގައުމުތަކަށް އުފުލުމަށް ބޭނުން ކުރާނެ ރޭލު މަގެކެވެ.
ލޮބީޓޯ ކޮރިޑޯއަކީ އެފްރިކާގެ މައިނިންގ އެކްސްޕޯޓް މާރކެޓުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާއިން އިސްނަގައިގެން ހިންގާ ބިލިއަން ޑޮލަރުގެ މަޝްރޫއުގެ މުހިންމު ބަޔެކެވެ.
މި އެއްބަސްވުމުގެ ސަބަބުން، ވާދަވެރި ދެ ކޯރިޑޯ އެއް ނެޓްވޯކަކަށް ބަދަލުވެ، އެފްރިކާ ބައްރުގެ ދެފަރާތުގައިވާ ކަނޑުތަކަށް ވާސިލު ވެވޭނެ މަގު ޒެމްބިއާ އާއި ކޮންގޯއަށް ތަނަވަސްވެގެންދާނެއެވެ. މިއާއެކު، ޗައިނާ ނުވަތަ ހުޅަނގުގެ ބާރުތަކުގެ ތެރެއިން ވަކި ފަރާތެއް ޚިޔާރުކުރަން މަޖުބޫރުވުމުގެ ބަދަލުގައި، ދެ ބާރާއެކުވެސް ގުޅުން ދެމެހެއްޓުމުގެ ފުރުސަތު އެ ގައުމުތަކަށް ލިބިގެންދާނެއެވެ.
މި އެއްބަސްވުން ގާއިމުކޮށްފައިވަނީ އެފްރިކާ ފައިނޭންސް ކޯޕަރޭޝަން (އޭއެފްސީ) އިން ޒެމްބިއާ-ލޮބީޓޯ ނިއު ރޭލްވޭގެ ބައެއް ސެކްޝަންތައް ބިނާކުރުމަށް ކޮންޓްރެކްޓަރުން ހަމަޖެއްސި ފަހުންނެވެ. އޭއެފްސީން ވަނީ ޒެމްބިއާ ހުރަސްކޮށް އޮންނަ ރޭލު މަގު ބިނާކުރުމަށް ޔޫރަޕާއި ތުރުކީގެ ކޮންސޯޓިއަމްއެއް ހަމަޖައްސާފައެވެ.
އޭއެފްސީގެ ސީއީއޯ ސަމާއިލާ ޒުބައިރު ވަނީ މި މަޝްރޫއަކީ ހަމައެކަނި އާފްރިކާގެ މައުދަންތައް ބޭރުކުރުމަށް ހިންގާ މަޝްރޫއެއް ކަމަށް ބުނާ ފާޑުކިޔުންތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން އެންގޯލާ، ޒެމްބިއާ އަދި ކޮންގޯގެ ސިނާއީ ކުރިއެރުމަށް ބޮޑު އިގްތިސާދީ ދިރުމެއް ލިބިގެންދާނެ ކަމަށެވެ.
މި ރޭލު މަގު ބިނާކުރުމަށް އާފްރިކާގެ އެއްވެސް ކުންފުންޏަކަސް ފުރުސަތު ނުލިބުނެވެ. އެކަމުގެ ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން ޒުބައިރު ވިދާޅުވީ، އޭއެފްސީން އިސްކަންދިނީ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަނޑައެޅިފައިވާ ވަގުތަށާއި ބަޖެޓަށް ނިންމުމުގެ ގާބިލުކަން ހުރި ކުންފުނިތަކަށް ކަމަށެވެ.

