ވިލިމާލެއާ ގުޅިފަޅު ގުޅުވާލާ ބްރިޖުގެ އެންމެ ފަހު ސެގްމަންޓް ހަރުކޮށްފި

ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫޢު ކަމަށްވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ (ޖީ.އެމް.ސީ.ޕީ) ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅުވާލާ ބްރިޖުގެ އެންމެ ފަހު ސެގްމަންޓް ހަރުކޮށް، ދެ ރަށް ފުރިހަމައަށް ގުޅާލައިފިއެވެ. މިއީ މި މަޝްރޫޢުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ކަމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މި ކާމިޔާބީއާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ގައުމުގެ މުސްތަގުބަލު އިތުރަށް ގުޅުވާލަދޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެފްކޮންއާ އަރޫޕް އަދި މިނިސްޓްރީގެ ޓީމަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

"މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަމުންދާ އަގުހުރި އެއްބާރުލުން ފާހަގަކޮށް، ހުރިހާ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

މި ކާމިޔާބީއާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ، މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ކުލަވަރު ބަދަލުކޮށްލާނެ މުހިންމު އުމްރާނީ ތަރައްގީއެއް ކަމަށާއި، މިކަމުގައި ދިވެހި ސަރުކާރާއެކު ގާތުން މަސައްކަތް ކުރެވޭކަމަށްޓަކައި އުފާކުރާ ކަމަށެވެ. "އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށްގެން މިއަދު މިވަނީ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފަ،" ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ހިލޭ އެހީގެ ދަށުން، އަދި އިންޑިއާގެ މަޝްހޫރު އިންޖިނޭރިންގ ކުންފުނި ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި ބްރިޖާއި ކޯޒްވޭގެ ނިޒާމު މުޅިން ނިމުމުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ފަދަ ސަރަހައްދުތައް އެއް ވިއުގައަކުން ގުޅިގެންދާނެއެވެ. މިއީ މުދަލާއި މީހުން އުފުލުމުގައި ލުއިފަސޭހަތަކެއް ގެނެސްދީ، ސަރަހައްދީ އިގްތިސާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ މުހިންމު މަޝްރޫޢެއް ކަމަށް ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!