ޔޫ.އޭ.އީގައި އުފެއްދި ފުރަތަމަ 100 ކާރު ބާޒާރަށް ނެރެފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ކުރިއަރާފައިވާ އުޅަނދުފަހަރު އުފެއްދުމުގެ ސިނާއަތެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޗައިނާގެ މަޝްހޫރު އޮޓޯމޯޓިވް ބްރޭންޑް "ރޮކްސް" އިން އެ ގައުމުގައި އުފެއްދި ފުރަތަމަ 100 ލަގްޒަރީ ކާރު ކަސްޓަމަރުންނާ ހަވާލުކޮށް، ތާރީޚީ މުހިންމު ލަނޑުދަނޑިއެއް ހާސިލުކޮށްފިއެވެ.

"މޭޑް އިން ދަ އެމިރޭޓްސް" ގެ ރަސްމީ ނިޝާން ޖަހައިގެން ނެރުނު މި ލަގްޒަރީ އެސް.ޔޫ.ވީތަކަކީ، ރޮކްސް ޔޫ.އޭ.އީ ސިގްނޭޗަރ އެޑިޝަންގެ ދަށުން ނެރުނު ޚާއްސަ އުޅަނދުތަކެކެވެ. މީގެ ތެރޭގައި އެންމެ ގިނައީ "އަޑާމަސް" މޮޑެލްގެ ކާރުތަކެވެ. މި އުޅަނދުތައް އުފައްދާފައިވަނީ އަބޫދާބީގެ ޚަލީފާ އެކޮނޮމިކް ޒޯންސް (ކިޒާޑް) ގައި ހުންނަ އެ ކުންފުނީގެ އެޑްވާންސްޑް އޭ.އައި މެނުފެކްޗަރިންގ ސެންޓަރުގައެވެ. އެންމެ ހަ މަސްދުވަހުގެ ތެރޭގައި ތަރައްގީކުރި މި މަރުކަޒަކީ އުޅަނދުފަހަރު އުފެއްދުމުގެ އިތުރުން އޭ.އައި ލެބޯޓްރީއަކާއި ޑިޒައިން ސްޓޫޑިއޯއެއްވެސް އެކުލެވިގެންވާ ޒަމާނީ މަރުކަޒެކެވެ.

މި މަޝްރޫޢަކީ ރޮކްސް ކުންފުންޏާއި، ޔޫ.އޭ.އީގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ އަދި އަބޫދާބީ އިންވެސްޓްމަންޓް އޮފީސް (އަދިއޯ) ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތެކެވެ. މިއީ ޔޫ.އޭ.އީ އިން ގެންގުޅޭ "މޭކް އިޓް އިން ދަ އެމިރޭޓްސް" ހަރަކާތަށާއި، ގައުމުގެ ސިނާއީ އުފެއްދުންތެރިކަން އިތުރުކުރުމަށް އެކުލަވާލާފައިވާ "އޮޕަރޭޝަން 300ބީއެން" ސްޓްރެޓެޖީ އަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ޔޫއޭއީ ގައި އުޅަނދުފަހަރު އުފައްދައި، އެހެން ގައުމުތަކަށާއި ބައިނަލްއަގުވާމީ ބާޒާރުތަކަށް އެކްސްޕޯޓްކުރާ މައި ހަބަކަށް ޔޫ.އޭ.އީ ހެދުމެވެ.

ކިޒާޑްގައި ހުންނަ ކާރުޚާނާގައި އަމަލީގޮތުން ކާރު އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ. އެ މަރުކަޒުގައި 80 އަށްވުރެ ގިނަ ބާވަތުގެ ސްޕެއާޕާޓްސް އެސެމްބްލްކުރުމާއި، މުޅި އުޅަނދު އެއްކޮށް ރޭވުމާއި، ކޮލިޓީ ޓެސްޓުކުރުމުގެ އިތުރުން ވާރޭގައި އަދި މަގުމަތީގައި ދުއްވައިގެން ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދެއެވެ. އެ ކުންފުނީގެ އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް އަހަރަކު 20،000 ކާރު އުފެއްދުމާއި، 2030 ވަނަ އަހަރު އަންނަންވާއިރަށް އަހަރަކު 300،000 ކާރު އުފެއްދޭނެ ގާބިލުކަން ހޯދުމެވެ.

ހިއްސާ ކުރައްވާ!