އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސިޔާސީ ކަންކަމާ ބެހޭ އެސިސްޓެންޓް މިނިސްޓަރު އަދި ޚާރިޖީ ވަޒީރުގެ ޚާއްސަ މަންދޫބު ލާނާ ނުސައިބާ، އދގެ އެންމެ މަތީ މަގާމު ކަމަށްވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވައި، އެ މަގާމު ހޯއްދެވުމުގެ ރޭހުގެ ކުރީގައި ހަރަކާތްތެރިވާން ފައްޓަވައިފިއެވެ. އިސްލާހީ އެޖެންޑާއަކާއެކު ސުލްހައަށް އިސްކަންދެއްވުމަށް ވައުދުވެވަޑައިގަންނަވަމުންދާ ނުސައިބާ އިންތިޚާބުވެވަޑައިގެންފިނަމަ، އެކަމަނާއަކީ އދގެ ތާރީޚުގައި އެ މަގާމަށް އިންތިޚާބުވާ ފުރަތަމަ އަންހެން ބޭފުޅާއަށް ވެގެންދާނެއެވެ. އަދި މިއީ އަރަބި ދުނިޔެއިން އެ މަގާމަށް އަންނަ ދެވަނަ ބޭފުޅާއެވެ.
މިދިޔަ ބުދަ ދުވަހު ނުސައިބާގެ ނަން އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރަސްމީކޮށް ހުށަހެޅުމާއެކު، ގަލްފުގެ ގައުމުތަކުގެ ފުރިހަމަ ތާއީދު އޭނާއަށް ވަނީ ލިބިފައެވެ. ނަމަވެސް، އިސްރާއީލާއެކު ޔޫއޭއީން ގުޅުން ގާއިމުކުރުމަށް 2020 ގައި ސޮއިކުރި އިބްރާހިމީ އެއްބަސްވުމާ ގުޅިގެންނާއި، ސޫދާނުގެ ހަނގުރާމައިގައި ހަރަކާތްތެރިވާ ރެޕިޑް ސަޕޯޓް ފޯސެސް (އާރްއެސްއެފް) އަށް ޔޫއޭއީން ވާގިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ބައިނަލްއަގުވާމީ މައިދާން ގައި އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ.
އުމުރުފުޅުން 48 އަހަރުގެ ނުސައިބާއަކީ 2013 އިން 2024 އަށް އދއަށް ޔޫއޭއީން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމު ފުރަތަމަ ފަހަރަށް ފުރެެއްވި އަންހެން ޑިޕްލޮމެޓެވެ. އޭނާއަކީ އިރުމަތީ ގުދުސްގެ ޤަދީމީ ސިޓީގައިވާ "ޗާޗް އޮފް ދަ ހޯލީ ސެޕްލްކާ" ގެ ތަޅުދަނޑި ބަލަހައްޓަމުން އަންނަ ފަލަސްތީނުގެ ނުފޫޒުގަދަ އަދި ޚާއްސަ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ނުސައިބާގެ ކާފާއަކީ 1950 ގެ އަހަރުތަކުގައި އުރުދުންގެ ދިފާއީ ވަޒީރުކަން ކުރެއްވި ބޭފުޅެއްގެ އިތުރުން، އިސްރާއީލާ އެންމެ ފުރަތަމަ ގުޅުން ބަދަހިކުރެއްވި ފަލަސްތީނު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޔޫއޭއީގެ ސިޔާސީ މާހިރެއް ކަމަށްވާ އަބްދުލްޚާލިގް އަބްދުﷲ ވިދާޅުވި ގޮތުގައި، ނުސައިބާއަކީ ތަޖުރިބާކާރު އަދި ޔޫއޭއީގެ ޑިޕްލޮމެސީގެ އެންމެ ރީތި ސިފަތައް ރަމްޒުކޮށްދެއްވާ ބޭފުޅެކެވެ. ސޫދާނުގެ ހަނގުރާމައާ ގުޅުވައިގެން ޔޫއޭއީއަށް ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އަބްދުﷲ ވިދާޅުވީ، ކޮންމެ ކެންޑިޑޭޓަކަށްވެސް ފާޑުކިޔުންތައް ކުރިމަތިވާނެ ކަމަށާއި، އާރްއެސްއެފްއަށް ހަތިޔާރާއި ފައިސާގެ އެހީތެރިކަން ދޭ ކަމަށް ކުރެވޭ ތުހުމަތުތައް ޔޫއޭއީ ސަރުކާރުން މީގެ ކުރިންވެސް ވަނީ އެކީއެކަށް ދޮގުކޮށްފައި ކަމަށެވެ.
އދގެ އާދަކާދައިގެ މަތިން ސެކްރެޓަރީ ޖެނެރަލްގެ މަގާމު ބަހާލެވެނީ ތަފާތު ސަރަހައްދުތަކުގެ މެދުގައި ބަދަލުވާ އުސޫލުންނެވެ. އެ އުސޫލަށް ބަލާއިރު މި ފަހަރު އެ މަގާމު ލިބެންޖެހެނީ ލެޓިން އެމެރިކާގެ ކެންޑިޑޭޓަކަށެވެ. ނަމަވެސް، އދއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް ދާދިފަހުން ވިދާޅުވެފައިވަނީ، ސަރަހައްދަށް ނުވަތަ ޖިންސަށް ބެލުމުގެ ބަދަލުގައި އިސްކަންދޭންޖެހޭނީ އެންމެ ގާބިލު ކެންޑިޑޭޓަކު ހޮވުމަށް ކަމަށެވެ.
އަންނަ ދައުރަށް އދގެ އެންމެ މަތީ ވެރިޔަކު ހޮވުމަށް ބޭއްވި ފުރަތަމަ ނުރަސްމީ ވޯޓުގައި، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެންބަރުންގެ ވީޓޯ ބާރުގެ ނުފޫޒު ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނާ ދެކޮޅަށްވެސް މަދުވެގެން ދެ ވީޓޯ ވޯޓު ލިބިފައިވާތީ، މި ރޭސް އަދިވެސް އޮތީ ވަރަށް ބޮޑަށް ނުތަނަވަސްކަމުގެ ތެރޭގައެވެ.






