އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ނެގި އެންމެ ފަހުގެ ވޯޓުން ނަތީޖާއެއް ނުނުކުމެ އެއްވަރުވުމާ ގުޅިގެން، އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯ.އެސް.ސީ.އީ) ގެ ސެކްރެޓަރީ ޖެނެރަލް ފަރީދުން ހާދީ ސިނިރްލިއޯގްލޫގެ ނަން ތުރުކީއިން ހުށަހަޅައިފިއެވެ.
ތުރުކީގެ ޑިޕްލޮމެޓިކް މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޭރްދޯޣާން ސޮއިކުރައްވައި އޮކްޓޯބަރު 30 ވަނަ ދުވަހު ފޮނުއްވި ރަސްމީ ސިޓީފުޅު މިހާރު ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސަށާއި ސެކިއުރިޓީ ކައުންސިލްގެ ރައީސަށް ހުށަހަޅާފައެވެ.
ތުރުކީގެ މީޑިއާ އާންމުކޮށްފައިވާ އެ ސިޓީފުޅުގައި ރައީސް އެރްދޯޣާން ވިދާޅުވީ، ސިނިރްލިއޯގްލޫގެ ނަން ހުށަހެޅުއްވީ ޖިއޯޕޮލިޓިކަލް ގޮތުން ގައުމުތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތައް ބޮޑުވެ، އިތުބާރު ކުޑަވަމުންދާ ދަނޑިވަޅެއްގައި، ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާކުރުމަށް އަންކާރާއިން ދޭ އިސްކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި ޑިޕްލޮމެސީގެ މައިދާން ގައި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ހުރި ސިނިރްލިއޯގްލޫއަކީ ތުރުކީގެ ޚާރިޖީ ވަޒީރުކަމާއި އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމު ފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއްކަން އެރްދުޣާން ފާހަގަކުރެއްވިއެވެ.
ސިނިރްލިއޯގްލޫ އިސްކޮށް ހުންނެވި އޯ.އެސް.ސީ.އީ އަކީ 57 ގައުމު ބައިވެރިވާ، ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ސެކިއުރިޓީ ޖަމްއިއްޔާއެވެ.





