ސަރުކާރުގެ ޚިދުމަތްދޭ މަރުކަޒަކަށް އެކްސްކަވޭޓަރަކުން ހަމަލާދިން މީހަކު ހައްޔަރުކޮށްފި 

ޗައިނާގެ ހުޅަނގު އުތުރު- ޝާންޝީ ޕްރޮވިންސްގެ ސަރުކާރުގެ ޚިދުމަތްދޭ މަރުކަޒަކަށް އެކްސްކަވޭޓަރެއް ވަައްދައި، ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ވަންދެން ބޮޑެތި ގެއްލުންތަކެއް ދިން 47 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 9 ވީ ދުވަހު ޝިއާންގެ ޝިއަން އާ ސަރަހައްދުގައި ފެންގްޑޮންގ ނިއު ސިޓީ ގަވަރންމަންޓް ސަރވިސް ސެންޓަރުގައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، އެ މީހާ ވަނީ އެކްސްކަވޭޓަރުން އިމާރާތަށް ވަންނަ ސަރަހައްދުގެ ސިޑިއާއި، މައި ސައިންބޯޑު އަދި ބިއްލޫރި ދޮރުތަކުގައި ޖައްސައި، އެ ކޮމްޕްލެކްސްގެ  ހަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ހާދިސާ ހިނގުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުއްލި ހާލަތުގައި މީހުން ނެރުމުގެ އިންތިޒާމުތައް ވަގުތުން ފަށައި، އެތަނުގައި ތިބި މުވައްޒަފުންނާއި އާންމުން ވަނީ ރައްކާތެރިކަމާއެކު އިމާރާތުން ނެރެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ސެންޓަރުގެ ބައެއް ޚިދުމަތްތައް އަލުން ވަނީ ފަށާފައެވެ.

މި ހަމަލާއަކީ ކުރިން ގެދޮރު ތަޅާލުމާ ގުޅިގެން ރަށްވެހިންނަށް ދޭންޖެހޭ ބަދަލު ނުލިބިގެން އުފެދުނު މައްސަލައަކާ ގުޅިގެން ރުޅި އައިސްފައި ހުރި މީހަކު ދިން ހަމަލާއެކެވެ. މި ހާދިސާއާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ހިއްސާ ކުރައްވާ!