ޚާރިޖީ ސިޔާސަތަށްވުރެ ބޮޑަށް ދާޚިލީ އިޞްލާޙުތަކަށް އިސްކަންދިނުމަށް ގޮވާލައްވައިފި

ޕާކިސްތާނުގެ މުސްތަޤުބަލަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ގައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮންޖެހުންތައް ކަމަށާއި، ޚާރިޖީ ގުޅުންތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ދާޚިލީ އިޞްލާޙުތައް ތަންފީޒުކުރުމަށް ޕާކިސްތާނުގެ ކުރީގެ ސަފީރަކު ގޮވާލައްވައިފިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތުގެ އުސޫލުތަކާއި ސަރަހައްދީ ސްޓްރެޓެޖީ ތަކާ މެދު ބަހުސްތައް ހޫނުވެފައިވާ ދަނޑިވަޅެއްގައި، ކުރީގެ ޑިޕްލޮމެޓް މަދީހާ ލޯދީ ލިޔުއްވާފައިވާ ރިޕޯޓެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވެރިކަން ކުރާ ފަރާތްތަކުން ދާޚިލީ އިޤްތިޞާދު ހަމައަކަށް އަޅުވައި، އީޖާދީ ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި އަބަދުވެސް ބަރޯސާވަނީ ބޭރުގެ ގައުމުތަކުން ލިބޭ މާލީ އެހީތެރިކަމަށެވެ. މިއީ އިޤްތިޞާދީ އަސާސީ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، ސިޔާސީ ވެރިން ގެންގުޅުއްވާ ވަގުތީ ސްޓްރެޓެޖީ އެކެވެ.

މަދީހާގެ މި ރިޕޯޓުގައިވާ ގޮތުން، ބައިނަލްއަޤުވާމީ ސަމާލުކަމާއި ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކަށް ދެވޭ އިސްކަން، ދާޚިލީ ވެރިކަން ހިންގުމާއި އާންމު ޚިދުމަތްތައް ރަނގަޅުކުރުމަށް ނުދެވޭ ކަމީ ބޮޑު ކަންބޮޑުވުމެކެވެ.

ދުނިޔޭގެ ބޭންކުގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، ޕާކިސްތާނުގެ ފަޤީރުކަމުގެ ނިސްބަތް 2018-19 ގައި ހުރި 22 އިންސައްތައިން 2024-25 ގައި 29 އިންސައްތައަށް އުފުލިފައިވާ ކަމަށެވެ. އަދި މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި އަފްޣާނިސްތާނު ހިމެނޭ ސަރަހައްދުގެ ފަޤީރު އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ޙިއްޞާކުރަނީ ޕާކިސްތާނުންނެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ނުރައްކާތެރިކަމާއި ބަނޑުހައިހޫނުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

  • އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ 40 އިންސައްތަ ކުދިންނަށް ކާނާ ނުލިބުމުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހިފައިވެއެވެ.
  • ތަޢުލީމީ ދާއިރާއަށް ބަލާއިރު، އުމުރުން 5 އަހަރާއި 16 އަހަރާ ދެމެދުގެ 25 މިލިއަން ކުދިން ސުކޫލަށް ނުގޮސް ތިބިއިރު، އޭގެ ތެރެއިން ގިނައީ އަންހެން ކުދިންނެވެ.
  • މުޅި އާބާދީގެ 37 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ނޭނގޭ މީހުންނެވެ.

ޕާކިސްތާނުގެ އާބާދީގެ ތިންބައިކުޅަދެބަޔަކީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުން ކަމަށްވާއިރު، ތައުލީމާއި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްނުދެވިއްޖެނަމަ، މިއީ ގައުމުގެ އިޤްތިޞާދަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެކެވެ.

  • ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޒުވާނުންގެ 37 އިންސައްތަ މީހުން ތިބީ އުނގެނުމެއް، ވަޒީފާއެއް ނުވަތަ ތަމްރީނެއް ނުލިބިއެވެ.

ޚާރިޖީ ސިޔާސަތަކީ ސަރަހައްދީ މަސްރަހު ގައި މުހިންމު އެއްޗެއް ކަމަށްވީ ނަމަވެސް، ޕާކިސްތާނުގެ މުސްތަޤުބަލު ބިނާވެގެންވަނީ ބޭރު ގައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް ހަރަކާތްތަކުގެ މައްޗަށް ނޫން ކަމަށާއި، ގައުމުގެ ދާޚިލީ މަސްރަހު ގައި ހިންގޭ އިޞްލާޙީ މަސައްކަތްތަކުގެ މައްޗަށް ކަމަށް ކުރީގެ ޑިޕްލޮމެޓް ވަނީ ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!