ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ފަގީރު ސަރަޙައްދުތަކުގެ ވީޑިއޯތައް ނަގައި، އެއީ އިންޑިއާގެ މަންޒަރުތަކެއް ކަމަށް ދައްކައިގެން އިންޑިއާގެ އަގުވައްޓާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ ޗައިނާގެ ރައްޔިތުންނަށް ފާރަވެރިވުން ބަންގްލަދޭޝްގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ. ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން މި ފިޔަވަޅު އަޅާފައިވަނީ، އިންޑިއާގެ އަގުވައްޓާލުމަށް ބަންގްލަދޭޝްގެ ސަރަހައްދު ބޭނުންކުރަމުންދާތީ ނިއުދިއްލީން އެކަމާމެދު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޕްރޮތޮމް އާލޯ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުއްތަރާ ވެސްޓް ޕޮލިސް ސްޓޭޝަންގެ އޮފިސަރ-އިން-ޗާޖް މުޙައްމަދު ޚާލިދު މަންޞޫރު ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން މި މައްސަލައިގެ ތެރެއަށް ވަނުމާއެކު ޗައިނާގެ ވީލޮގަރުންގެ ހަރަކާތްތައް މަޑު ޖެހިފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ޖާސޫސީ އިދާރާތަކުން ގުޅިގެން ޗައިނާގެ ރައްޔިތުންނަށް ފާރަވެރިވުން އިތުރުކޮށް، އެ މީހުން ކުރަމުންދާ ކަންކަން ގާތުން މޮނިޓަރ ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ..
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޑާކާގެ ޓެކްޕާރާއާއި އުއްތަރާ ސަރަޙައްދުތަކުގައި ގާތްގަނޑަކަށް 150 އެއްހާ ޗައިނާ ރައްޔިތުން ދިޔައީ ހަނި ގޯޅިތަކާއި އާމްދަނީ މަދުން ލިބޭ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ މަންޒަރުތައް ޗައިނާގެ މީސް މީޑިއާގައި ލައިވްސްޓްރީމް ކުރަމުންނެވެ. އެ ވީޑިއޯތަކުގައި އެ ސަރަޙައްދުތަކަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެކި ހިސާބުތަކުގެ މަންޒަރުތައް ކަމަށް ތަޢާރަފުކޮށް، އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ މެދު އިހާނެތި އަދި ޢިބާރާތްތަކުން އެ މީހުން ވަނީ ވާހަކަދައްކާފައެވެ.
މި ވީލޮގަރުން ދިޔައީ އާންމުންގެ ގެދޮރާއި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ވީޑިއޯ ކުރަމުންނެވެ. ބައެއް ފަހަރު ގޭގޭގެ ގޯތިތެރެއަށް ވަދެގެންވެސް ވީޑިއޯ ނަގާފައިވާއިރު، އެ މަންޒަރުތައް ޝާއިޢުކުރަނީ ކޮން ތަނެއްގައި ކަމެއް ނުވަތަ އެ މީހުން ދައްކުވައިދެނީ ކޮން ގޮތަކަށް ކަމެއް އެ ގޭގޭގައި ދިރިއުޅޭ މީހުންނަކަށް ނޭނގެއެވެ. މިއީ ރޭވިގެން ހިންގާ ދޮގު މަޢުލޫމާތު ފެތުރުމުގެ ޚާއްސަ ކެމްޕޭނެއްގެ ބައެއް ކަމަށް ޑާކާ ފުލުހުން ވަނީ ބުނެފައެވެ.
"މި މީހުންގެ ހަރަކާތްތަކަށް ފުލުހުންގެ އެއްވެސް ފާރަވެރިކަމެއް ނެތް. ކޮންމެ ދުވަހަކު ސަތޭކައަށްވުރެ ގިނަ ވްލޮގަރުން މިފަދަ ވީޑިއޯތައް ތައްޔާރުކުރަމުންދިޔަ. އަދި މި މަސައްކަތަށް ބަންގްލަދޭޝްގެ ރައްޔިތުންނަށް ފައިސާވެސް ދީފައިވޭ،" ޕްރޮތޮމް އާލޯގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އިންޑިއާގެ އަގުވައްޓާލުމަށް "ދޮގު ވާހަކަތައް" ފަތުރަމުންދާ ޗައިނާގެ ވީލޮގަރުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ވަނީ މި މަހުގެ 10 ވަނަ ދުވަހު ޑާކާއަށް ގޮވާލާފައެވެ. މި މައްސަލަ ހޫނުވުމާ ގުޅިގެން، ފަތުރުވެރިންގެ ވިސާގައި ބަންގްލަދޭޝްއަށް ޒިޔާރަތްކޮށް މިފަދަ ޢަމަލުތައް ހިންގަނީ ކީއްވެގެންކަން ސާފުކޮށްދިނުމަށާއި، އެ މީހުންގެ ޕާސްޕޯޓާއި ވިސާ ހުށަހެޅުމަށް ޗައިނާގެ ރައްޔިތުންނަށް ފުލުހުން ވަނީ އަންގާފައެވެ. އަދި ވިސާގެ މުއްދަތު ހަމަވުމުން އެނބުރި ޤައުމަށް ދިއުމަށްވެސް އެ މީހުންނަށް އަންގާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް، ވިސާގެ ޝަރުޠުތަކާ ޚިލާފްވި ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ޗައިނާގެ ރައްޔިތުންނާ ދެކޮޅަށް ރަސްމީ ތަޙުޤީޤެއް ފަށާފައިވާ ކަމެއް ނުވަތަ އެއްވެސް ޤާނޫނީ ފިޔަވަޅެއް އަޅާފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ.
އުއްތަރާއާއި ޓެކްޕާރާ ސަރަޙައްދުގައި ދިރިއުޅޭ އާންމުން ބުނާގޮތުގައި ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި އެ ސަރަޙައްދުތަކުން ޗައިނާގެ އެއްވެސް ރައްޔިތަކު ފެނިފައެއް ނުވެއެވެ. ޓެކްޕާރާގައި ދިރިއުޅޭ މުހައްމަދު ސަލީމް ބުނީ ބަލިވެ އުޅޭތީ ދެ ދުވަސް ވަންދެން ގޭގައި ހުރިއިރުވެސް ޗައިނާގެ އެއްވެސް މީހަކު އެ ހިސާބަށް އައިސްފައި ނުވާ ކަމަށެވެ. އަދި އުއްތަރާގެ ސެކްޓަރ 12 ކައިރީގައި އޮންނަ ކޯރެއްގެ މަތީގައި އަޅާފައިވާ ބްރިޖަކީ ޗައިނާ މީހުން މަސައްކަތްކުރަން ތިބޭ މަރުކަޒެއް ފަދަ ތަނެއް ކަމަށް ރިކްޝާ ދުއްވާ އިމާމުލް އިސްލާމް ބުންޏެވެ. "އެ މީހުން ދުވާލާއި ރޭގަނޑު އަހަރެމެންނާއި އަހަރެމެންގެ ދަތުރުވެރިންގެ ވީޑިއޯ ނަގާ. އެކަމަކު މިހާރު އެ މީހުން ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ،" އޭނާ ބުންޏެވެ. ޕްރޮތޮމް އާލޯ





